ވެމްކޯ

ކުނި އުކާ ދޯނިތައް ވަގުތީ ގޮތުން ޓީ ޖެޓީ ސަރަހައްދުގައި

ބޮޑުތަކުރުފާނު މަގުގައި ހުންނަ ދެ ނަމްބަރު ކުނިކޮށި ކުރިމަތީ އޮންނަ ދޯނިތައް މިރޭ 12 ގެ ފަހުން އޮންނާނީ ޓީ ޖެޓީގައި ކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ވެމްކޯއިން ބުނީ މިއީ ވަގުތީ ނިންމުމެއް ކަމަށާއި މި ދޯނިތައް ޓީ ޖެޓީ ސަރަހައްދަށް ބަދަލުކުރަން ނިންމީ ސައުތު ވެސްޓު ހާބަރުގެ ނެރު ކެނޑުމުގެ މަސައއްކަތް ކުރުމަށް ކަމަށެވެ. އަދި އެމަސައްކަތް ނިމުމާއެކު ދޯނިތައް އަލުން ދެ ނަންބަރު ކުނި ކޮށި ސަރަހައްދަށް ބަދަލުކުރާނެ ކަމަށެވެ.

ވެމްކޯ އަކީ މާލެ އާއި ވިލި މާލޭގެ މެނޭޖް ކުރާ ކޯޕަރޭޝަނެވެ. އެކޯޕަރޭޝަނުން ހުޅުމާލޭގެ ކުނި މެނޭޖްކުރަން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.