ފެޝަން

ކޯޓު ފަޓުލޫނާއެކު ޓައީ ނޭޅިއަސް ރީތި، އެކަމަކު މިގޮތަށް!

ހާއްސަ ހަފުލާއަކަށް ދިޔުމަށް ނުވަތަ ކައިވެނީގެ ހަފުލާއަށް ކޯޓު ފަޓުލޫނުލުމަށްފަހު ލޯގަނޑު ކުރިމައްޗަށް އެރުމަށްފަހު ހިތަށް އަރާނީ ރީތި ނޫނީ ހަޑިބާވަ އެވެ. ރީތި ވާނީ ޓައީ އެޅީމަ ނޫނީ ނޭޅީމަބާވަ އެވެ. މިއީ ގިނަ ފިރިހެނުންނަށް ނިންމަން އުނދަގޫ ކަމެކެވެ.

މިކަން އުނދަގޫވާ ސަބަބަކީ އޮފިޝަލް އިވެންޓަކަށް ދާއިރު އެހެން އެންމެން ޓައީ އަޅައިގެން ތިބެފައި ތިމާ ޓައީ ނާޅައި ހުރުމުން ހަޑިވެދާނެތީ އެވެ. ނަމަވެސް ސްޓައިލަށް ލޯބިކުރާ މީހުން އާ ކަންކަން ބޭނުންވެ އެވެ. ތަފާތުވާން ބޭނުވެ އެވެ. އެފަދަ މީހުންނަށް މިއީ ހާއްސަ ޓިޕްސްއެކެވެ. ކޯޓު ފަޓުލޫނާއެކު ޓައީ ނާޅަ ވެސް އޮފިޝަލްކޮށް ރީއްޗަށް ހުންނާނެ ގޮތެވެ.

ގިރުވާން ރީތިކުރަންޖެހޭ!

ކޯޓު ފަޓުލޫނާއެކު ޓައީ ނާޅާނަމަ ގިރުވާނަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. ގިރުވާން އިސްތިރިކޮށް ރީއްޗަށް ބަހައްޓަންވާނެ އެވެ. ރީއްޗަށް އިސްތިރިކޮށް ގިރުވާން ހަރުކޮށް ބެހެއްޓުމުގެ ގޮތުން އެއްޗެއް ގިރުވާން ދަށަށްލުން ވެސް ރަނގަޅެވެ. އޭރަށް ގިރުވާން ރީއްޗަށް ހުންނާނެ އެވެ.

ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ ގިރުވާން ބަހައްޓަންޖެހޭ ގޮތެވެ.

ދެ ގޮތް ނާޅުވަ ބަހައްޓާ!

ޓައީ އަޅާނަމަ ގަމީހުގެ ހުރިހާ ގޮށެއް ވެސް އަޅުވަންޖެހެ އެވެ. ނަމަވެސް ޓައީ ނާޅާނަމަ މިއީ މަޖުބޫރު ކަމެއް ނޫނެވެ. އަދި ރީތި ގޮތެއް ވެސް ނޫނެވެ. ޓައީ ނާޅަ ވެސް ކޯޓު ފަޓުލޫނުގައި ރީއްޗަށް ހުންނަން ބޭނުންނަމަ އެންމެ ރީތި ގޮތަކީ މަތިން އެއް ގޮށް ނޫނީ ދެ ގޮށް ނާޅުވާ ބެހެއްޓުމެވެ. ނާޅުވާ ބަހައްޓާނީ ކިތައް ގޮށް ކަން ނިންމާނީ އެމީހެކެވެ.

ތިމާގެ ހަށިގަނޑަކީ ރީތި ހަށިގަނޑެއް ނަމަ ދެ ގޮށް ނާޅުވާ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހެން ނަމަވެސް ގިނަ ގޮށް ނާޅުވާ ބެހެއްޓުމަކީ އޮފިޝަލްކަން ކުޑަވާ ކަމެކެވެ. އޭރަށް ބޮޑަށް ވަނީ ކެޝުއަލެވެ.

އެހެން ގޮތްގޮތުން ފުރިހަމަވާން ޖެހޭނެ!

ކޯޓު ފަޓުލޫނާއެކު ޓައީ ނޭޅިއަސް، ސަމާލުކަން ދޭން ޖެހޭ ކަންކަން އެބަ ހުއްޓެވެ. ޓައީ ނޭޅިއަސް އެ ތަކެތި މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ސްޓައިލްގައި ރީއްޗަށް ހުރެވޭނީ އޭރަށެވެ. އެންމެ ފުރަތަމަ ކޯޓުގެ ޖީބަށް ވަރަށް ރީއްޗަށް ފަށްޖެހުމަށްފަހު ރުމާލެއްލާށެވެ. އެއީ ޓައީ ނާޅާނަމަ ވަރަށް މުހިންމުކަމެކެވެ.

ދެވަނަ ކަމަކަށް އަތުކުރީގައި ގަޑިއެއް އަޅާށެވެ. އިތުރަށް ފުރިހަމަވާނެ އެވެ. އަތުގައި ބްރޭސްލެޓެއް އަޅާލުން ވެސް ހަމަ ސަޅި އެވެ. ދެން އެންމެ ސަމާލުކަމެއް ދޭން ޖެހޭނީ އަރާ ބޫޓަށެވެ. ބޫޓަކީ އަޅާފައިހުރި ބެލްޓާ އެއް ކުލަ ބޫޓަކަށް ހެދާށެވެ. އަދި ކޯޓު ފަޓުލޫނާ ގުޅުން ކުޑަ، މެޓީރިއަލްގެ ގޮތުން ގުޅުމެއް ނެތް ބޫޓެއް އުހުތިޔާރު ނުކުރާށެވެ. ބޫޓު ހުންނަން ވާނީ ވެސް ވަރަށް ރަނގަޅަށް ޕޮލިސްކުރެވިފަ އެވެ.

ތުނބުޅި ވެސް ހުންނަންވާނީ ރީއްޗަށް!

ކޮންމެ ހެދުމެއް އެޅި ނަމަވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ޓައީ ނާޅާނަމަ ތުނބުޅި ހަޑިކޮށް، ސާފުތާހިރުކޮށް ނުބަހައްޓާނަމަ އެކަން ވަރަށް ރީއްޗަށް ފެންނާނެ އެވެ. އެހެން ކަމުން ކޯޓު ފަޓުލޫނު ލައި ރީތިވާއިރު ތުނބުޅި ވެސް ރީއްޗަށް ބަހައްޓަން މަސައްކަތްކުރާށެވެ.