ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީގައި ފަޅައިގެން ގޮސް ދިޔަވި ލޯންޗަކަށް އެހީވެދީފި

May 14, 2016

ފަސް މީހުނާއެކު ށ. ކޮމަންޑޫން ފުރައިގެން ރ. އިފުރަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ދެ ތަނަކުން ފަޅައިގެން ގޮސް ދިޔަވަމުން ދަނިކޮށް އެ ލޯންޗުގައި ތިބި މީހުނަށް ފުލުހުން އެހީވެދީފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ އިފުރަށް ދަތުރު ކުރަމުންދިޔަ ލޯންޗް ރ. ވާދޫއާއި ރަސްގެތީމާ ދޭތެރެއިން ދެ ތަނަކުން ފަޅައިގެންގޮސްފައިވާ ކަމަށާއި އެ ހާދިސާ ހިނގީ މިއަދު 11:30 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގުމާއެކު ރ. އުނގޫފާރުގައި ތިބޭ ފުލުހުން ލޯންޗެއްގައި އެ ސަރަޙައްދަށްގޮސް އެ ލޯންޗުގައި ތިބި މީހުނަށް އެހީވެ ކަފުޖަހައިގެން ލޯންޗް ރަސްގެތީމަށް ގެނގޮސްފައިވާ ކަމަށެވެ.

މި ދުވަސްކޮޅަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްކޮޅަކަށްވާއިރު ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި ވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.