ރ. އުނގޫފާރު ފަޅުގެ ބޭރު ތޮއްޓަށް ލޯންޗެއް އަރައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ކެރިމީ ނަމަކަށް ކިޔާ އެ ލޯންޗު އުނގޫފާރުން ފުރައިގެން ޖޯލި މޯލްޑިވްސް ރިސޯޓަށްދާން ފަޅުން ނިކުތް ވަގުތު ނެރުމަތީގައި އިންޖީނު ހުއްޓިފައި ވަނިކޮށް ނެގި ރާޅެއްގެ ސަބަބުންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގަލްދޭސްގެ ދެ މީހަކަށާއި ލޯންޗުގެ ކައްޕިއަކަށް ހުރި ދިވެހި މީހާ އަށެވެ.
މި ތިން މީހުންވެސް ވަނީ ފަރުވާ ދިނުމަށް އުނގޫފާރު ރީޖަނަކް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ލޯންޗުގައި ދެން ތިބީ ޖޯލި މޯލްޑިވްސް ރިސޯޓަށް ދާން ދިޔަ ތުރުކީވިލާތުގެ ތިން ފަތުރުވެރިންނެވެ.
ބަންޑުން ޖަހާލި ލޯންޗަކީ އުނގޫފާރު ވެސްޓް ބީޗު ރެސްޓޯރެންޓުގެ ވެރިޔާ ހަސަން މޫސާގެ ލޯންޗެވެ. އޭނާ ވަނީ ލޯންޗު ބަންޑުން ޖަހާލައިގެން އުޅޭކަން ކަށަވަރުކޮށްދެއްވާފަ އެވެ. ލޯންޗު މިހާރު ވަނީ ފުން ކުރުމަށްފަހު ފަޅު ތެރެއަށް ވައްދާފަ އެވެ.
އެ ހާދިސާގައި ހޮސްޕިޓަލަށް ގެންދެވުނު ތިން މީހުންނަށްވެސް މާބޮޑު އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.