ބޮލީވުޑް

ފާޑިކިޔުންތައް އަމާޒުވިޔަސް "އަޒްހަރު"އަށް ރަނގަޅު ފެށުމެއް!

May 14, 2016

ކުރީގެ އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން މުހައްމަދު އަޒްހަރުއްދީންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "އަޒްހަރު" އިއްޔެ ރިލީޒްކޮށްފައިވާއިރު، ފިލްމުގެ ފެށުން ރަނގަޅެވެ.

އިމްރާން ހާޝިމީ އަޒްހަރުއްދީންގެ ރޯލު ކުޅެފައިވާ "އަޒްހަރު" އަށް ފުރަތަމަ ވަނީ 6.03 ކްރޯޑް ލިބިފަ އެވެ.

ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު އާމްދަނީ ދަށް ނަމަވެސް ފިލްމު ބެލި ގިނަ ފަރާތްތަކުން ވަނީ އިމްރާން އަޒްހަރުއްދީންގެ ރޯލު ކުޅެފައިވާލެއް ވަރަށް ފުރިހަމަ ކަމަށާއި އެރޯލަށް ފުރިހަމަ އިންސާފު އޭނާ ދީފައިވާ ކަމަށް ބުނެފަ އެވެ.

އިމްރާންގެ އިތުރުން މިފިލްމުގެ ލީޑް ދެ ބަތަލާއިންގެ ތެރެއިން ފުރަތަމަ އަނބިމީހާގެ ރޯލު ޕްރާޗީ ދޭސާއީ ކުޅެފައިވާލެއް ވަރަށް މޮޅު ކަމަށް ވެސް ކްރިޓިކާއި ބެލުންތެރިން ވަނީ ބުނެފަ އެވެ. އަދި އިމްރާން އާއި ބަތަލާ ނަރްގިސް ފަކްރީގެ ކެމިސްޓްރީވެސް ވަރަށް ފުރިހަމަ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ފިލްމަށް ފާޑުކިޔާފައިވާ ފަރާތްތަކުން ވަނީ ފިލްމުގެ ސްކްރިޕްޓްގެ ދޯދިޔާކަމުން އިމްރާންގެ ބެސްޓް އޭނާ އަށް ދެއްކިފައިނުވާ ކަމަށެވެ. އަދި ޕްރާޗީގެ ކެރެކްޓާގައި އަބަދު ދެރަވެފައި ނުވަތަ ރޯ މަންޒަރުތައް ދައްކާތީ އޭނާގެ ކެރެކްޓާ ވަރަށް ފޫހި ކަމަށާއި އަޒްހަރުގެ ދެވަނަ އަންހެނުންގެ އަސްލު ކެރެކްޓާއާ ކައިރިކުރާ ވަރަށް ވެސް ނަރްގިސް އަށް ސަންގީތާ ބިޖްލާނީގެ ކެރެކްޓާ އަދާކުރެވިފައިނުވާ ކަމަށް ބުނެފަ އެވެ.

މިފިލްމަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ ހިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ފުރަތަމަ ދުވަހު ލިބުނު އާމްދަނީއާ ބަލާފައި، ކުރިއަށް އޮތް ހަތްފާގެ ތެރޭގައި މިފިލްމަށް ރަނގަޅު އާމްދަނީ އެއް ލިބުން ދަތިކަމަށާއި ނަމަވެސް ފިލްމަށް ލިބެމުންދާ ތައުރީފަށް ބަލައި، ހަފްތާ ބަންދުގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓޯނީ ޑިސޫޒާ ޑައިރެކްޓްކޮށް އަދި ބަލާޖީ މޯޝަން ޕިކްޗާސް އާއި އެމްއެސްއެމް މޯޝަން ޕިކްޗާސް އިން ޕްރޮޑިއުސްކޮށްފައިވާ "އަޒްހަރު" އަކީ އަޒްހަރުއްދީން ތަރިއެއްހެން އަރައިގެން ދިޔަ ގޮތާއި މެޗް ފިކްސިން ސްކެންޑަލްގެ ސަބަބުން އޭނާގެ ތަރި އޮއްސިގެން އައިގޮތް ފެނިގެންދެ އެވެ. މެޗް ފިކްސިންގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުމާއިއެކު އެތައް ބައެއްގެ ނުރުހުމާއި ނަފްރަތާ ވެސް ވަނީ ކުރިމަތިލާން ޖެހުނު ގޮތާއި އަމިއްލަ ދިރިއުޅުގެ ވާހަކަ އެވެ.