މިސްކިތް

ރޯދަ މަހަށް މިސްކިތްތައް މަރާމާތުކުރުމަށް 20 މިލިޔަން ރުފިޔާ

ރޯދަ މަހަށް މިސްކިތްތަކަށް މަރާމާތުކުރުމަށް 20 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މި ބަޖެޓްގައި މާލެ އާއި އަތޮޅުތަކު ތެރޭގެ ގިނަ މިސްކިތްތައް މަރާމާތުކުރާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ މިސްކިތްތަކެއް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދެ އެވެ. ރޯދަ މަހަށް މިސްކިތްތައް މަރާމާތުކުރުމަކީ އެ މިނިސްޓްރީން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.

ގިނަ މިސްކިތްތަކެއް މިނިސްޓްރީން މަރާމާތުކުރަމުންދާއިރު މާލެ ސަރަހައްދުގެ 35 މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެ މިސްކިތްތައް ރޯދަ މަހަށް މަރާމާތުކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަތޮޅުތެރޭގެ ގިނަ މިސްކިތްތަކެއް ވެސް މަރާމާތުކުރަމުންދާއިރު، އެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ދަނީ ކައުންސިލްތަކާ ގުޅިގެންނެވެ. މިނިސްޓްރީން ބުނީ، އަތޮޅުތަކު ތެރޭގެ 14 މިސްކިތެއް މި ރޯދަ މަހަށް އަލަށް ހުޅުވުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށެވެ.