ސްޕެނިޝް ލީގު ޗެމްޕިއަންކަން ބާސެލޯނާ ދިފާއުކޮށްފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީމު ތަށި ދިފާއުކުރީ މިރޭ ގްރަޑާނާގެ މައްޗަށް 3-0އިން ކުރި ހޯދައިގެންނެވެ. ބާސެލޯނާގެ ތިން ލަނޑު ވެސް ޖަހައިދިނީ އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ.
މި ތިން ގޯލާއެކު މި ސީޒަނުގެ ރަންބޫޓު ލިބުނީ ވެސް އޭނާ އަށެވެ. ލިވަޕޫލް ދޫކޮށް ހުސްވި ސީޒަނުގައި ބާސެލޯނާއާ ގުޅުނު ފޯވަޑް ވަނީ ލީގުގައި މި ސީޒަނުގައި 40 ގޯލު ޖަހާފަ އެވެ. ސުއަރޭޒް އަކީ 2009 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ ލަޔޮނަލް މެސީ އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު ރަންބޫރު ގެންދެވުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.
ބާސެލޯނާގެ ފަހަތުން ދެ ވަނާގައި ލީގު ނިންމާލީ ވާދަވެރި ރެއާލް މެޑްރިޑެވެ. ޑިޕޯޓިވޯ ލަކަރޫނިއާގެ މައްޗަށް 2-0އިން ކުރި ހޯދި މެޗުގެ ދެ ލަނޑު ވެސް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ލީގު ޗެމްޕިއަންކަން ބާސެލޯނާ އަށް ލިބުނީ 91 ޕޮއިންޓާއެކުގަ އެވެ. ރެއާލް އަށް ލިބިފައިވަނީ 90 ޕޮއިންޓެވެ. ތިން ވަނަ ލިބުނީ އެތްލެޓިކޯ މެޑްރިޑަށެވެ. އެ ޓީމަށް ލިބިފައިވަނީ 85 ޕޮއިންޓެވެ.
ޗެމްޕިއަންކަން ލިބުނު ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނީ މިއީ ވަރަށް އަޑިގުޑަން ދަތުރެއް ކާމިޔާބު ކަމާއެކު ނިންމާލެވުން ކަމަަށެވެ.
"އެންމެ ފަހުވަގުތާ ހަމައަށް އަހަރުމެންނަށް އުނދަގޫތައް ކުރިމަތިވި. އެކަމަކު މިއީ އުފާވެރި ވަގުތެއް. އެއް ސްޓައިލެއްގައި (ކުޅެ) އަށް އަހަރުތެރޭގައި ހަ ފަހަރު ލީގު ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް،" އިނިއެސްޓާ ބުންޏެވެ.