ބޮލީވުޑް

ލޫލިއާ އާއެކު ސަލްމާން ޕަބްލިކަށް، ކައިވެންޏަށް ތައްޔާރުވީ؟

May 15, 2016
1

މީގެ ދެ މަހެއްހާ ދުވަސް ކުރިން ލޮސް އެންޖަލިސް އަށް ނިސްބަތްވާ ޖީން ގުޑްއިނަފް ކިޔާ ޒުވާނަކާ ބަތަލާ ޕްރިތީ ޒިންތާ ކައިވެނިކުރި ކަމުގެ އުފަލުގައި ހުކުރު ދުވަހުގެ ރޭ ވަނީ އޭނާގެ ބޮލީވުޑްގެ އެކުވެރިންނަށް ހާއްސަ ޕާޓީއެއް ބާއްވާފަ އެވެ.

މިޕާޓީއަށް ބޮލީވުޑްގެ އެންމެ މަޝްހޫރު ފަންނާނުން ގޮސްފައިވާއިރު، އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓުނީ ސުޕަސްޓާ ސަލްމާން ޚާން އޭނާގެ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނާ ލޫލިއާ ވަންތޫރް އާއެކު މިޕާޓީއަށް ދިއުމުންނެވެ.

މިދެމީހުން އެކުގައި ޕްރިތީގެ ކައިވެނީގެ ޕާޓީ އަށް ދިއުމުން، ދެމީހުންގެ ދެމެދުގައި އޮތް ގުޅުން މިވަނީ އާންމުވެފަ އެވެ. މީގެކުރިން ސަލްމާން އާއި ލޫލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާފައިވީ ނަމަވެސް ދެމީހުން އެކުގައި ޕަބްލިކުން ފެނިފައެއް ނުވެ އެވެ.

މިފަހަކަށް އައިސް ލޫލިއާ ސަލްމާން އާއި އޭނާގެ އާއިލާގެ މީހުންނާ އެކު ފެންނަލެއް ގިނަވެފައި ވުމުން މިދެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންނަން އުޅޭ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެގޮތުން ސަލްމާން އާއި ލޫލިއާގެ ކައިވެނި ވަރަށް އަވަހަށް ކުރެވޭނެ ކަމަށްވެ އެވެ.

ސަލްމާން އާއި ލޫލިއާގެ އިތުރުން މިޕާޓީ އަށް ސަލްމާންގެ ދައްތަ، އަލްވީރާ ޚާން އާއި އޭނާގެ ފިރިމީހާ އަތުލް އަގްނިހޯތްރީ ވެސް ވަނީ އެމީހުންނާއެކު ގޮސްފަ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި "ސުލްތާން" ގެ ޝޫޓިން ނިންމާލުމަށްފަހު ސަލްމާން އާއި އޭނާގެ މަންމަ އެނބުރި މުމްބައި އަށް އައި އިރު، ލޫލިއާ އެއާޕޯޓުން ނިކުމެގެން އައިސްފައިވަނީ ސަލްމާންގެ މަންމަގެ އަތުގައި ހިފައިގެންނެވެ.

ދެހާސް ސާދަވަނަ އަހަރު ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން ކައިވެނީގެ ހަފްލާގެ ފަހުން ސަލްމާން އާއިލާގެ އެކި ހަފްލާތަކުގެ ލޫލިއާ އަންނަނީ ބައިވެރިވަމުންނެވެ.