ދެން އިންތިހާބެއް ބޭއްވިޔަސް ރައީސް އަބްދުﷲ ޔާމީނަށް އެކަނި ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަމަށް ޖޭޕީގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ޖޭޕީ-އެމްޑީޕީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ގާސިމް ވިދާޅުވީ ރައީސް ޔާމީނަށް ހީފުޅު ކުރެއްވިގެން އުޅެނީ މުޅިން ކުށްހީއެއް ކަމަށާއި އެމަނިކުފާނުގެ އެވަރަށް ތާއީދު ނެތް ކަމަށެވެ. އަދި އެންމެ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމްއަށް ތާއީދު ކުރަން ނިންމީ ސިފައިންނާއި ފުލުހުން އަދި ޝަރުއީ ދާއިރާގެ ފަރާތްތަކުގެ އާދޭސްތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ކަން މިވަނީ މުޅިން އެހެން ގޮތަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަދަދާ އެކު މި ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ. ދެން އެންމެ އަވަހަށް އިންތިހާބެއް ބޭއްވިޔަސް ޔާމީން ޖެހިވަޑައިގަންނަވާނީ ކުޑަކުއްޖެއްހެން ގެޔަށް ވަންނަން. މި ސަރުކާރުގެ އެންމެ ބޮޑު ހިއްސާދާރު އަޅުގަނޑުމެން ބޭރުކޮށްލީމާ މި ބުނަނީ މިއީ ލެޖިޓިމެޓް ސަރުކާރެއް ނޫނޭ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ އިސްލާހީ މަސައްކަތުގައި އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އިސްލާހީ މަސައްކަތުގައި ނަޝީދާ އެކު ދެމިހުންނަވާނެ ކަމަށެވެ. އަދި މިލްކިއްޔާތުގައި ހުރި ހުރިހާ އެއްޗެއް ނެގިޔަސް ފަހަތަކަށް ދެން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިން ވެސް ޖޭޕީ އެމްޑީއާ ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންނެވި އެވެ.
"އެއްޗެއް ހުރި މީހެއްގެ އަތުން ނެގޭނީ. ހުރިހާ އެއްޗެއް ނަންގަވަންވީ ގެންދެވަންވީ. އަޅުގަނޑު ނުސިހޭނެ. އެތައް ރުފިޔާއެއް ދައްކައިގެން ނަގާފައި ހުރި ރަށްތައް އެބޭފުޅުން އެ ނަންގަވަނީ ހަމަ ކުއްލިއަކަށް. ކުޑަކުދިން ކަންކުރައްވާ ގޮތް ނޫންތޯ މިއީ،" ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާގެންދަން ގާސިމް ތަކުރާރުކޮށް މިރޭ ވެސް ގޮވާލެއްވި އެވެ. އަދި ގައުމުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް އެ ދައުވާ އުފުލިފައިވާ އިރު، މިހާރު އެންމެ އިންސާފުވެރި ގޮތަކީ އެ ދައުވާތައް ގެންދިޔުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.