ކާނާ

ކިތަންމެ ވަރަކަށް މެނޫ ބެލިޔަސް އެންމެ ފަހުން ފިޝް އެންޑް ޗިޕްސް!

ރެސްޓޯރަންޓަކަށް ގޮސް އެތައް އިރަކު މެނޫ ބަލާފައި ވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުން އޯޑަރު ދޭނީ ހަމަ އަބަދުވެސް އެއް ބާވަތެއްގެ އެއްޗިއްސަށެވެ. ފިޝް އެންޑް ޗިޕްސް އާއި ފްރައިޑް ރައިސް ނުވަތަ ނޫޑުލްސް އަށެވެ. މީގެ ތެރެއިން ވެސް ފިޝް އެންޑް ޗިޕް ނުވަަތަ ޗިކަން އެންޑް ޗިޕްސް އުޅޭނީ ވަރަށް ކުރީގަ އެވެ. މިއީ ދިވެހިންނަށް އެކަނި ހާއްސަ ކަމެއް ނޫނެވެ.

އިނގިރޭސި ވިލާތުގައި 2008 ވަނަ އަހަރު އެ ގައުމަށް ނިސްބަތްވާ މީހުންނާއި ތަކެތީގެ ތެރެއިން އެންމެ މަގުބޫލު އެއްޗެއް ހޮވުމަށް ވޯޓެއް ނެގި އިރު ފިޝް އެންޑް ޗިޕްސް ވަނީ އެ ގައުމުގެ ރާނީގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެމެރިކާގެ ނިއު ޔޯކާއި ދުބާއީގައި ވެސް މިއީ އެންމެ މަގުބޫލު ކާނާތަކުގެ ލިސްޓުން ކުރި ހޯދާ އެއްޗެކެވެ.

ފިޝް އެންޑް ޗިޕްސް ތައާރަފްވީ މީގެ 150 ވަރަަކަށް އަހަރު ކުރިން އިނގިރޭސި ވިލާތުގަ އެވެ. އެކަމަކު މި ޑިޝްގެ ރަހަ މުޅި ދުނިޔެ އަށް ވެސް ކަމުދިޔައީ އެވެ. ގާތްގަނޑަކަށް ހަމަ ހުރިހާ ފެންވަރެއްގެ ރެސްޓޯރަންޓްތަކުގައި ވެސް މި ލިބެން ހުރެ އެވެ. މަގުމަތީ ކާނާ ވިއްކާ ތަނަކުން ނަމަ ނޫސް ކަރުދާސްގަނޑެއްގެ ތެރެއަށް ލާފައި އަދި ޝާހީ ރެސްޓޯރަންޓަކުން ނަމަ ރިހީގެ އުލާއި ސަމުލަކާ އެކު ވެސް މި ކާނާ ސާވްކޮށްފާނެ އެވެ. މާނަ އަކީ މިއީ ހުރިހާ ފެންވަރެއްގެ މީހުންގެ ވެސް މަގުބޫލު އެއްޗަކަށް ވުމެވެ. އެންމެންނަށް ކަމުދާ ރަހަޔަކަށް ވުމެވެ. އިނގިރޭސި ވިލާތުގައި މި ޑިޝް މަޝްހޫރުވެގެން އައީ އާދައިގެ ވަޒީފާތައް އަދާކުރާ މީހުންގެ ކާނާއެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު އެއީ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ނަމަ ހަމަ ކޮންމެހެން ވެސް ހުންނަންޖެހޭ އެއްޗަކަށެވެ. އިނގިރޭސި ވިލާތުގެ އެންމެ މަތީ ފެންވަރުގެ ރެސްޓޯރަންޓުތަކުގެ މެނޫން ވެސް ފިޝް އެންޑް ޗިޕް ފެންނާނެ އެވެ.

އިނގިރޭސި ވިލާތުގައި މިހާރު ޗިޕްސް ހިމެނޭ ނުވަތަ "ޗިޕީސް"ގެ 10،500 އަށް ވުރެ ގިނަ ބާވަތް ތައްޔާރުކުރެ އެވެ. އަދި އެ ބާވަތްތަކުގެ 250 މިލިއަނާއި 350 މިލިއަން ޕޯޝަނާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވިއްކާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ސިއްހީ ކާނާ އަށް އިސްކަންދޭ ޒަމާނެއް އައިސްފައި ވިޔަސް ސިއްހަތާ އެހާ ރައްޓެހި ނޫން ކާނާއެއްގެ ގޮތުގައި ބެލެވޭ ފިޝް އެންޑް ޗިޕްސްގެ މަގާމު އަދިވެސް ނުގެއްލެ އެވެ.

ފިޝް އެންޑް ޗިޕްސް ވިއްކާ ތަނެއް އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 1860 ވަނަ އަހަރު ކަމަށް އިނގިރޭސި ވިލާތުގެ ނެޝަނަލް ފެޑެރޭޝަން އޮފް ފިޝް ފްރަޔާސް (އެންއެފްއެފްއެފް) އިން ބުނެ އެވެ. ޗިޕްސްގެ ކާނާތައް އުފައްދާ ނޮދަން އިންގްލެންޑާއި ލަންޑަނުގެ އެކި ފަރާތްތަކުން ބުނަނީ ފިޝް އެންޑް ޗިޕްސް ވިއްކުމަށް 150 އަހަރު ކުރިން ތަންތަން ހުޅުވި ކަމަށެވެ. އެކަމަކު ވިޔަފާރީގެ އުސޫލުން އެހާ ކުރިން ސުރެ ފިޝް އެންޑް ޗިޕްސް ބޭނުންކުރި ކަމެއް ތާރީހުން ކަށަވަރެއް ނުވެ އެވެ.

ފިޝް އެންޑް ޗިޕްސްގެ ތާރީހް ލިޔުނު ޖޯން ވޮލްޓަން ބުނެފައިވާ ގޮތުގައި ފިޝް އެންޑް ޗިޕްސް މުޅި އިނގިރޭސި ވިލާތަށް ފެތުރިގެން ދިޔައީ ރޭލު ދަތުރުތައް ފުޅާވުމާއި މަސްވެރިކަންކުރާ އުޅަނދުތަކުގައި ބޯޓުދެލި އަޅާ އިންޖީނު ބޭނުންކުރަން ފެށުމާ އެކުގަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފިޝް އެންޑް ޗިޕްސް "ގައުމީ ކާނާ އަށް" ވެގެން ދިޔަ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭނާ ބުނާ ގޮތުން ނަމަ މުއްސަނދިންނަށް އެންމެ ފުރަތަމަ ފިޝް އެންޑް ޗިޕްސް ވިއްކާފައި ވަނީ 1930ގެ އަހަރުތަކުގެ ތެރޭގައި ޔޯކްޝަޔާގައި ހެރީ ރެމްސްޑަން ކިޔާ މީހަކު ހުޅުވި ރެސްޓޯރަންޓަކުންނެވެ. މި ވިޔަފާރި މުޅި ގައުމަށް ފުޅާވީ އޭގެ ފަހުން ކަމަށްވެ އެވެ.

އިނގިރޭސި ވިލާތުގައި ފިޝް އެންޑް ޗިޕްސް ވިއްކާތާ އެންމެ ގިނަ ދުވަސްވީ ތަން ކަމަށް ބުނާ، ލަންޑަނުގައި ހުންނަ ރޮކް އެންޑް ސޯލް ޕްލެއިޒް ވަނީ ލަންޑަނުގައި ހުންނަ ޓޫރިސްޓުންގެ އެންމެ މަގުބޫލު ތަނަށް ވެފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދެކަނބަލުންނަށް ވެސް ފިޝް އެންޗް ޗިޕްސް ވިއްކާފައިވާ އެ ތަނުން ދުވާލަކު 2،000 ޕޯޝަން ވިއްކާ ކަމަށްވެ އެވެ. އެތަނުގެ ކަސްޓަމަރުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. --އޭއެފްޕީ