ބޮލީވުޑް

އަމްރިތާ ރާއޯ ވެސް ކައިވެނިކޮށްފި

May 15, 2016

ބޮލީވުޑްގެ މަޝްހޫރު ދެބަތަލާއިން ކަމަށްވާ ޕްރިތީ ޒިންތާ އާއި ބިޕާޝާ ބާސޫގެ ކައިވެންޏަށްފަހު އިތުރު ބަތަލާއެއް މިވަނީ ކައިވެނިކޮށްފަ އެވެ.

"އިޝްގް ވިޝްގް" އާއި "ވިވާ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ އަމްރިތާ ރާއޯ މިއަދު ކައިވެނިކޮށްފި އެވެ.

އާއިލާ އާއި ގާތްއެކުވެރިން ބައިވެރިވި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގައި އަމްރިތާ ކައިވެނިކޮށްފައިވަނީ ޑީޖޭ އަންމޯލްއާ އެވެ. އަމްރިތާ އާއި އަންމޯލް ކައިވެނިކޮށްފައިވަނީ ހަތް އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ.

ޑީޖޭ އެއްގެ އިތުރުން ޓީވީ އާއި ރޭޑިއޯގެ ޕްރޮގްރާމްވެސް ހޮސްޓްކުރާ އަންމޯލް އާއި އަމްރިތާ ދިމާވެފައިވަނީ މީގެ ހަތް އަހަރު ކުރިން އަމްރިތާގެ އިންޓަވިއުއެއް އޭނާ ނެގުމުގެ ތެރޭގަ އެވެ.

މިހާރު ފިލްމު ކުޅުމާއި ދުރުގައި ހުރި އަމްރިތާ އަންނަނީ "މެރީ އާވާޒްހީ ޕެހެޗާން" ކިޔާ ޓީވީ ސީރީޒްއެއް ކުޅެމުންނެވެ. އަމްރިތާ އާއި އަންމޯލް މިވަގުތު މަސައްކަތުގައި ބުރަކޮށް އުޅުމުގެ ސަބަބުން ކައިވެނީގެ ހަފްލާ ބޮޑު ނުކުރި ނަމަވެސް ވަރަށް އަވަހަށް އަމްރިތާގެ ބޮލީވުޑްގެ އެކުވެރިންނަށް ކައިވެނީގެ އުފަލުގައި ޕާޓީއެއް ބާއްވާނެ އެވެ.

އަމްރިތާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2013 ވަނަ އަހަރު ނިކުތް ޖޯލީ އެލްއެލްބީ އިންނެވެ.