ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލް ކަމަށްވާ ކޭންސްގެ ރެޑް ކާޕެޓްގައި ހިނގާލާނެ އިރަކަށް އެތައް ބަޔަކު އިންތިޒާރުކުރެ އެވެ.
ލޯރިއަލް ޕެރިސް ބިއުޓީ ޕްރޮޑަކްޓްސްތަކުގެ ބްރޭންޑް އެމްބެސްޑަރެއްގެ ގޮތުން އައިޝްވާރިޔާ ކޭންސްގައި ބައިވެރިވަމުން އަންނަތާ މިއަހަރު މިއީ 15 ވަނަ އަހަރު އިރު، މިފަހަރުގެ އައިޝްވާރިޔާގެ ފެނިލުމުންވެސް ވަނީ އެތަކެއް ބައެއްގެ ސަމާލުކަން ހުއްޓިފަ އެވެ.
އައިޝްވާރިޔާ މިއަހަރުގެ ކޭންސްގެ ރެޑްކާޕެޓްގައި ފުރަތަމަ ހިނގާލާފައި ވަނީ ހުކުރު ދުވަހު އެވެ. ފުރަތަމަ ދުވަހު އައިޝްވާރިޔާ ލައިގެން ހުރީ ކުވައިތުގެ މަޝްހޫރު ޑިޒައިނަރު އަލީ ޔޮއުންސްގެ ގޯލްޑް ބީޑެޑް ކޭޕް ކޯޗުއާ ގައުން އެއްގަ އެވެ.
އައިޝްވާރިޔާގެ މިހެދުމަށް ބައެއް މީހުން ތައުރީފު ބަންޑުން ކުރި އިރު އަނެއް ބައި މީހުން ވަނީ މިހެދުމުގެ ޑިޒައިނަކީ މިހާރު އައުޓް ޑޭޓެޑް ވެފައިވާ ޑިޒައިނެއް ކަމަށާއި ނަމަވެސް އެހެދުމުގެ އެންމެ ފުރިހަމަކަން ފަނޑުވެފައިވާ އޭނާގެ ލޮލުގެ މޭކަޕުގެ ސަބަބުން ކަމަށް ބުނެފަ އެވެ. ނޫކުލައެއްގެ އައިޝެޑޯއެއް ލޮލުގައި ޖައްސާފައި ހުރުމުން ހެދުމުގެ ކުލައަކާ ނުގުޅޭ ކަމަށް ބުނަމުން އަންނަނިކޮށް އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ އައިޝްވާރިޔާގެ ބަނޑަށެވެ.
މިހެދުމާއެކު އައިޝްވާރިޔާ ރެޑްކާޕެޓްގައި ހިނގާލި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަބަޔަކު ވަނީ އައިޝްވާރިޔާގެ ބަނޑު މާބޮޑަށް ފާޅުވާން ހުރުމުން އޭނާ ދެވަނަ ދަރިފުޅަށް ބަލިވެއިނީ ކަމަށް ބުނެފަ އެވެ.
އައިޝްވާރިޔާ ރެޑްކާޕެޓްގައި ފޮޓޯއަށް ހުއްޓިގެން ހުރިއިރު، އެކި އޭންގަލް ތަކުން ނަގާފައިވާ ފޮޓޯތަކުން އޭނާގެ ބަނޑު ފާޅުވާން ހުންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ހަގީގަތުގައި ވެސް އޭނާ ބަނޑުބޮޑީތޯ ސުވާލުކޮށްފަ އެވެ. މިފަހުން އައިޝްވާރިޔާ ވަރަށް ހިކިފައި ހުރި އިރު އެވަރުގެ ބަނޑެއް ނެތް ކަމަށާއި މިހާރު އިނގޭ ވަރަށް އޭނާގެ ބަނޑު ބޮޑުކަމަށް ބުނެފަ އެވެ.
ދެހާސް ހަތްވަނަ އަހަރު އެކްޓަރު އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ކައިވެނިކޮށްފައިވާއިރު، ދެ ތަރިންގެ ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 2011 ވަނަ އަހަރު އެވެ. ފުރަތަމަ ދަރިފުޅު އަރާދިޔާ އަށް ބަލިވެއިން ފަހުން ފިލްމު ކުޅުމާއި ދުރުގައި ހުރުމަށް އައިޝްވާރިޔާ ފަސް އަަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމެއް ކުޅެފައިވަނީ މިދިޔަ އަހަރު އެވެ.
މިހާރު އަޑުތައް އަރާފައިވާ ގޮތަށް އައިޝްވާރިޔާ ދެވަނަ ކުއްޖަކަށް ބަލިވެއިން ކަމަށްވާނަމަ އޭނާ އަނެއްކާ ވެސް ދުވަސް ގަނޑަކަށް ފިލްމީ ދާއިރާއިން ގެއްލުން އެކަށީގެންވެ އެވެ.