ބޮލީވުޑް

"ޓްރިޕްލް އެކްސް"ގެ ޝޫޓިން ނިމުމުން ދިޕިކާ އާއި ނީނާ ދެރަވެފައި

May 16, 2016

ބަތަލާ ދިޕިކާ ޕަދުކޯން ކުޅެމުން އައި ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ" ގެ ޝޫޓިން ނިންމާލައިފި އެވެ.

ފެބްރުއަރީ މަހުން ފެށިގެން ދިޕިކާ ކުޅެމުން އައި މި ފިލްމުގެ ޝޫޓިން ޓްރޮންޓޯގައި ނިމުނުކަން ހާމަކުރަމުން މިފިލްމުގައި ދިޕިކާގެ ކޯސްޓާ ކަމަށްވާ ނީނާ ޑޮބްރޭވް ވަނީ ދިޕިކާ އާއެކު ނަގާފައިވާ ވަރަށް ދެރަވެފައި ހުންނަ ސެލްފީއެއް އިންސްޓަގްރާމްކޮށްފަ އެވެ. ނީނާ ޕޯސްޓްކުރި ފޮޓޯއާ އެކު ވަނީ "ޓްރިޕަލް އެކްސް"ގެ ޓީމަށް ވެސް އަސަރުގަދަ މެސެޖެއް ދީފަ އެވެ.

"ޓްރިޕަލް އެކްސް" ގެ މުޅި ޓީމުގެ އެންމެން ދޫކޮށް ދާންޖެހުމުން ވަރަށް ދެރަވާ ކަމަށާއި އަދި މިފަދަ ބުރަ މަސައްކަތްކުރާ ޓީމަކާ އެކު ނޫޅެވޭތީ ވަރަށް ދެރަވާ ކަމަށްވެސް ނީނާ ވަނީ ބުނެފަ އެވެ.

ނީނާ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި އޭނާ އާއެކު ހުންނަނީ ދިޕިކާ އެކަނި ކަމުން، ބެލެވޭ ގޮތުގައި މިފިލްމުގެ ހުރިހާ ތަރިންގެ ތެރެއިން އޭނާ އެންމެ ބޮޑަށް މިސްވާނީ ދިޕިކާ އެވެ.

ޑީޖޭ ކަރޫސޯ ޑައިރެކްޓަކުރާ މިފިލްމުގައި ލީޑް ތަރިއަކީ ވިން ޑީސަލް އެވެ. ނީނާ އާއި ދިޕިކާގެ އިތުރުން މިފިލްމުގެ މުހިންމު ރޯލުން މައިކަލް ބިޕްސިންގް އާއި ޓޯނީ ޖާ އާއި ސެމުއެލް އެލް ޖެކްސަން އަދި ރޫބީ ރޯސް ވެސް މުހިންމު ރޯލުން ފެނިގެންދެ އެވެ.

"ޓްރިޕަލް އެކްސް" ސިލްސިލާގެ ތިންވަނަ ފިލްމު ކަމަށްވާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

ބޮލީވުޑްގެ ފިލްމަކަށް ދިޕިކާ އެންމެފަހުން ކުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްވި "ބާޖީރާއޯ މަސްތާނީ" އިންނެވެ. އޭގެފަހުން އިތުރު ބޮލީވުޑް ފިލްމެއް ކުޅެން ދިޕިކާ ސޮއިކޮށްފައެއް ނުވެ އެވެ.