ފޭސްބުކް އެކައުންޓުތައް ހެކްކޮށްގެން ދީނާ ހިލާފު ވާހަކަ ފަތުރަމުންދާ މައްސަލަ ބަލަން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔަކު ހެކްކޮށްފައި ވަނީ ސީއެޗްއެސްސީ ބައެއް ދަރިވަރުންގެ ފޭސްބުކް އެކައުންޓުތަކެވެ.
އެ އެކައުންޓުތައް ހެކް ކުރުމަށް ފަހު މީހުންނާއި ޗެޓްކޮށް ދީނާ ހިލާފު ވާހަކަތައް ދައްކައި އަދި ފޯސްޓުތައް ވަނީ ކޮށްފަ އެވެ. އެފަދަ ވާހަކަތައް ދައްކައި، ކޮށްފައިވާ ޕޯސްޓްތަކުގެ ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ދީނާ ހިލާފު ވާހަކަތަކެއް ދައްކާ، ދީނަށް ފުރައްސާރަކުރުމާ ގުޅިގެން ސީއެޗްއެސްސީގެ ދަރިވަރުންނަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އެ ފާޑުކިޔުންތައް އެ ކުދިންނަށް އަމާޒުކޮށްފައިވަނީ އެފަދަ ވާހަކަތައް ޕޯސްޓްކޮށްފައި ހުރި އެކައުންޓްތަކަކީ ހެކްކޮށްފައި ހުރި އެކައުންޓެއް ކަމެއް ނޭނގި އެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭސްބުކް އެކައުންޓުތަކެއް ހެކްކޮށްގެން ދީނާއި ހިލާފު ލިޔުންތަކެއް ޝާއިއުކުރާ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރަން ފަށާފައިވާ އިރު އަދި ކުރިއެރުންތަކެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް އެފަދަ ކަންކަން ސީރިއަސް ކޮށް ބަލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މިފަހަކަށް އައިސް އެފަދަ ކަންކަން ގިނަވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިމައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.