ހަބަރު

"ޖުހާ" ޕޭޖް ބްލޮކް، އިތުރު ޕޭޖެއްގެ މައްސަލަ ބަލަނީ

އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް "ޖުހާ" ގެ ނަމުގައި ފޭސްބުކުގައި ހިންގަމުންގެންދިޔަ ޕޭޖް ބްލޮކް ކޮށްލައިފި އެވެ.

އިސްލާމްދީނަށް ވަރަށް ބޮޑަށް ފުރައްސާކޮށް ފޭސްބުކުގައި ދިވެހި ބަހުން ޕޭޖެއް ހިންގަމުންދާ މައްސަލައާ ގުޅިގެން ފިޔަވަޅު އެޅުމުގައި މުއައްސަސާތައް ފަހަތަށް ޖެހިފައިވާ ކަމަށް އާންމުން ބުނަމުން ދަނިކޮށް، ފުލުހުންގެ ފަރާތުން އެ މައްސަލަ ސައިންސް މިނިސްޓްރީއަށް ހުށަހަޅައި ކުރި މަސައްކަތުން އެ ޕޭޖް މިހާރު ވަނީ ބޮލޮކް ކޮށްލާފަ އެވެ.

ދީނުގެ ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ މީގެ ކުރިން އެހެން ބައެއް ޕޭޖްތައް ވަރަށް އަވަހަށް ބްލޮކް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި "ސިރޫ އާޓްސް" ފަދަ ޕޭޖްތައް ހިމެނެ އެވެ. އެހެން ނަމަވެސް "ޖުހާ" ޕޭޖް ބޮލޮކް ނުކޮށް އެހާ ގިނަ ދުވަސްވުމުން ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން ސަރުކާރަށް ވެސް އަމާޒުވި އެވެ.

ފުލުހުން ބުނީ، "ޖުހާ" ޕޭޖްގެ އިތުރުން، އިސްލާމްދީނަށް ފުރައްސާރަ ކުރާ އިތުރު އެހެން ޕޭޖެއް ވެސް ބޮލޮކް ކޮށްދޭން ފޭސްބުކްގައި އެދިފައިވާނެ ކަމަށާއި، "ޖުހާ" ޕޭޖާއެކު އެ ޕޭޖްތަކުގެ މައްސަލަވެސް ބަލަމުންދާ ކަމަށެވެ. އަދި ޖުހާ ޕޭޖް ބޮލޮކް ކޮށްދޭން ފުލުހުން އެދުމުން އެ ޕޭޖް ބްލޮކް ކުރުމަށްފަހު އެ އިދާރާއަށް ފޭސްބުކުން އަންގާފައިވާ ކަމަށެވެ.

"ޖުހާ" ގެ ނަމުގައި ހިންގަމުންގެންދިޔަ ޕޭޖުން ދިވެހި ބަހުން ގިނަ ޕޯސްޓްތަކެއް ކުރި އެވެ. އެ ޕޯސްޓްތަކުގައި މާތްﷲ އާއި އެކަނލާންގެ މާތް ރަސޫލަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުރުވައިން އެއްޗެހި ލިޔެފައި ހުއްޓެވެ.

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް ވަނީ ޚާއްސަ ކޮމެޓީއެއްވެސް އުފައްދަވާފައެވެ. ޖެނުއަރީ 22، 2019 ގައި އުފެއްދެވި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ. ކޮމިޓީގެ މަސައްކަތްތައް ހިނގަނީ ސޯޝަލް ކައުންސިލްގެ ދަށުންނެވެ.