އާރްޑީސީ

އެމްއާރްޑީސީގެ 10 މިލިއަންގެ ކޮރަޕްޝަނެއް، ދައުވާކުރަން ފޮނުވައިފި

މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އެމްޑީ އިބްރާހިމް ނަޒީމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، ދައުވާކޮށްދިނުމަށް އެދި އޭސީސީއިން ޕީޖީއަށް ފޮނުވައިފި އެވެ.

ނަޒީމްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަނީ، 5000 ޓަނުގެ ސިމެންތި ސަޕްލައި ކުރުމަށް ރެއިޒް ކްރައުން ޕްރޮޑަކްޝަންސް ކުންފުންޏާ ހަވާލުކުރި މައްސަލައިގައި ނާޖައިޒު ފައިދާތަކެއް ހޯދައިދިން ކަމަށް ބުނެ އެވެ. ރެއިޒް ކްރައުން ޕްރޮޑަކްޝަންސް ކުންފުންޏަށް 5000 ޓަނުގެ ސިމެންތި ސަޕްލައި ކުރުމަށް ހަވާލުކުރި މައްސަލާގެ ތަހުގީގަށްފަހު އޭސީސީއިން ބުނެފައިވަނީ، އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ނާޒިމް ކަމަށެވެ.

އެސީސީއިން ބުނީ އެ އެއްބަސްވުމުގައިވާ ގޮތުން ފައިސާ ދޫކުރަންޖެހެނީ ސިމެންތި ސަޕްލައިކުރުމަށް ފަހު ބިލު ހުށަހެޅުން ކަމަށެވެ. އަދި އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ދޭން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް ތަހުގީގަށް އެނގިފައިވާ ގޮތުގައި، ސިމެންތި ސަޕްލައިކުރުމުގެ ކުރިން ވަނީ ފައިސާ ދޫކޮށްފަ އެވެ. މި ފައިސާ ދޫކޮށްފައިވަނީ ކުންފުނީގެ ބޯޑުން ފާސްނުކޮށް އެއްބަސްވުމާ ހިލާފަށެވެ. އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ 10 މިލިއަނަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވެ އެވެ.

މި މައްސަލާގައި އޭސީސީއިން ޕީޖީގައި އެދިފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކުރި ކަމުގެ ދައުވާކޮށްދިނުމަށެވެ.

މީގެއިތުރަށް ސިމެންތި ސަޕްލައިކުރުމަށް ހަވާލުކުރި މުއްދަތު ހަމަވެ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި އެ ޕްރޮޖެކްޓުގެ އަގުގެ ތެރެއިން އެމްއާރުޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ވެސް އޭސީސީއިން ވަނީ އެދިފަ އެވެ. ސިމެންތި ސަޕްލައިކޮށްފައިވަނީ އެއްބަސްވުމުގެ ދަށުން ކަނޑައެޅި މުއްދަތަށްވުރެ 169 ދުވަސް ފަހުންނެވެ. އޭސީސީއިން ބުނީ، ޕްރޮޖެކްޓްގެ ދަށުން އެމްއާރްޑީސީއަށް ލިބެންޖެހޭ އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުލިބިފައިވަނީ މުއްދަތުގައި އެކަން ކޮށްފައިނުވާތީ ކަމަށެވެ. އަދި އެޑްވާންސްކޮށް ފައިސާ ދޫކޮށްފައިވާތީ ކަމަށެވެ.

މި މައްސަލާގައި އެދިފައިވަނީ ނާޒިމްގެ މައްޗަށް ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްދިނުމަށެވެ.