ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ބޮލީވުޑްގެ އެންމެ ސްޓައިލިޝް ބަތަލާގެ ގޮތުގައި މަޝްހޫރުވެފައިވާ ސޯނަމް ކަޕޫރު ވަނީ މިހާރު ކުރިއަށްދާ 63 ވަނަ ކޭންސް ފިލްމު ފެސްޓިވަލްގެ ރެޑްކާޕެޓްގައި އިއްޔެ ހިނގާލައިފަ އެވެ.
ލޯރިއަލް ބްރޭންޑްގެ، ބްރޭންޑް އެމްބެސްޑަރެއްގެ ގޮތުގައި ސޯނަމް ކޭންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވަމުން އަންނަތާ މިއީ ހަ ވަނަ އަހަރެވެ.
މިއަހަރުގެ ފެސްޓިވަލްގެ ރެޑްކާޕެޓްގައި ފުރަތަމަ ދުވަހު ސޯނަމް ހިނގާލާފައިވަނީ ރަލްފް އެންޑް ރަސޯގެ ކޭޕްޑް އެމްބްރޮއިޑް ހުދުކުލައިގެ ހެދުމެއްގަ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކޭންސްގެ ރެޑްކާޕެޓަށް ސޯނަމް ކޮންމެ އަހަރަކު އަޅައިގެންދާ ހެދުމަކީ ގިނަބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭ ކަމެވެ.
މިދިޔަ އަހަރުވެސް ސޯނަމް ރެޑްކާޕެޓަށް ލައިގެން ދިޔަ ފެދާ ގައުންނަށް ގިނަ ފާޑުކިޔުންތައް ހުއްޓިގެން ގޮސްފައިވާއިރު، އަނެއްކާވެސް މިއަހަރު މިވަނީ ސޯނަމް ސޯޝަލް މީޑިއާގައި ބޮޑު ޖޯކަކަށް ވެގެން ގޮސްފަ އެވެ.
ސޯނަމް މިފަހަރު އަޅައިގެން ހުރި ހެދުމަށް ބައެއް ފަރާތްތަކުން ތައުރީފުކުރި ނަމަވެސް އަނެއް ބައި މީހުންނަކަށް އޭނާގެ މިފަހަރުގެ ހޮވުންވެސް ކަމަކު ނުދިޔަ އެވެ.
ރަލްފް އެންޑް ރަސޯގެ މިހެދުމުގައި ސޯނަމް ރެޑްކާޕެޓްގައި ހިނގާލާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު މިހެދުމަށް ފާޑުކިޔުންތައް ވަނީ ބަންޑުންކޮށްލާފަ އެވެ.
މި ހެދުމަށް ފާޑުކީ ބައެއްގެ ތެރެއިން މީހަކު ވަނީ ސޯނަމްގެ ހެދުމުގެ ފަހަތުގައި އޮތް ބައި ހީވަނީ ވަށްކޮށް ދަމާލާފައިވާ ރޮއްޓެއް ރޮށި ދަމާއެތި މަތިން ނަގަން އުޅުމުގެ ތެރޭގައި އިރައިގެން ގޮސްފައި އޮންނަހެން ކަމަށާއި އޭނާގެ މިފަހަރުގެ ހެދުން ވެސް ހުދުކުލައިގެ ޓެންޓަކާއި ނުވަތަ ރޭރަކާ މާ ވައްތަރުކަމަށް ބުނެފަ ޖޯކު ޖަހާފަ އެވެ.
އެގޮތުން ބައެއް މީހުންވަނީ ސޯނަމްގެ ރެޑްކާޕެޓްގެ ބައެއް ފޮޓޯތަކުގެ ކްލޯޒް އިނަފް ޝޮޓްތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ.
މިއީ ސޯނަމް ރަލްފް އެންޑް ރަސޯގެ ހެދުމެއްގައި ކޭންސް ރެޑް ކާޕެޓްގައި ހިނގާލި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އެންމެ ބޮޑު ފާޑުކިޔުމެއް ސޯނަމް އަށް ކީ "ބިގް ބާޑް ޑްރެސް" އަކީ ވެސް ރަލްފް އެންޑް ރަސޯގެ ހެދުމެކެވެ.