ފިނިޕޭޖް

އެންމެ އަލިގަދަ ތަރީގެ ރޭހުގައި ޝަލަބީ ބައިވެރިވާން ކިހިނެތްވާނެތަ؟

ނިމިގެން ދިޔަ މަޝްހޫރު، ފްރެންޗައިޒްޑް ޓީވީ ޝޯ، މޯލްޑިވިއަން އައިޑޮލް ކާމިޔާބުނުކުރެވުނު ނަމަވެސް އެ ރޭހުގެ ފައިނަލުގައި ވާދަކުރި ޝަލަބީ އިބްރާހިމް އަކީ މި ޝޯއެއްގެ އެންމެ މަޝްހޫރު މޫނެވެ. މޯލްޑިވިއަން އައިޑޮލް އަކަށް ހޮވުނު ލައިޝާ ޖުނައިދަށް ވުރެ ބޮޑު ސަމާލުކަމެއް ހަގީގަތުގައި ލިބިގެން ދިޔައީ ވެސް، ދެ ވަނަ ލިބުނު ޝަލަބީ އަށެވެ. --- އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުންނެވެ.

ލައިޝާ އަށް ލިބުނު މަގޫލުކަން ފަނޑުވާވަރުގެ ސަމާލުކަމެއް ގްރޭންޑް ފިނާލޭ އަށް ފަހު ޝަލަބީ އަށް ލިބިގެން ދިޔައީ އޭނާގެ ޓީމުން ނަތީޖާ ގަބޫލުނުކޮށް ހޭކި ބޮޑައިންނެވެ. މީގެ އިތުރުން ލަވަކިޔުމުގެ އާދަޔާހިލާފު ހުނަރުވެރިކަމެއް ދައްކައިގެން އޭނާ ބެލުންތެރިން އާޝޯހުކޮށްނުލާ އެޕިސޯޑެއް އެއޮތް ބޮޑު ޝޯގައި ނުދެ އެވެ.

އެކަމަކު އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ ނުވަތަ ޝަލަބީ އަށް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ ހަގީގަތުގައި ލަވަކިޔައިގެނެއް ނޫނެވެ. ލަވަ ކިޔައިގެން އޭނާ ޝޯގައި ހޯދި ވަރަށް ވުރެ ބޮޑު މަގްބޫލުކަމެއް އޭނާ އަށް ލިބުނު ހިސާބެއް ވެސް ދިޔަ އެވެ. އޭނާ ނިކަން ރީއްޗަށް ގުރުއާން ކިޔަވަނިކޮށް ރިކޯޑްކޮށްފައިވާ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި އާންމުވެގެންނެވެ.

އެ ދުވަހު މުޅި ގައުމުގެ ސަމާލުކަން ޝަލަބީގެ އަޑަށް އަދި މަހުރަޖާއި ރާގަށް ހުއްޓުނެވެ. ލަވަ ހަރާންކޮށް ނުވަތަ ފޫހިވެގެން ނިދި ބޮލަށް އަރައިގަނެފައި ތިބި މީހުންގެ ތައުރީފު ވެސް އެ ދުވަހު ޝަލަބީ އަށް އޮހުނެވެ. ޝަލަބީ ގުރުއާން ކިޔަވައިގެން ގައުމެއް ހެއްވައިލީ އެވެ.

އެހެންވީމަ، ދައްކަން މި އުޅޭ ވާހަކަ އަކީ ހަގީގަތުގައި ސަމާސާ ވާހަކައެއް ނޫނެވެ. -- އެންމެ އަލިގަދަ ތަރީގެ މުބާރާތުގައި ޝަލަބީ ބައިވެރިނުވާންވީ ސަބަބެއް ނެތެއް ނޫން ހެއްޔެވެ؟

އެންމެ އަލިގަދަ ފުލްޕެކޭޖަށް ވެވިދާނެ!

އެއްގޮތަކަށް ވެސް "އެންމެ އަލިގަދަ ތަރި" ޝޯ ފަސޭހަ ނުވަތަ އާދައިގެ މުބާރާތަކަށް ހަދާލަނީކީއެއް ނޫނެވެ. މިއީ ހަރުކަށި ގަވާއިދުތަކެއް ނުވަތަ މިންގަނޑުތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ވަކިން ހާއްސަކޮށް ކޮންމެ ކޮންމެ މީހަކަށް މި ޝޯގެ އޮޑިޝަނުން "ރަނުގެ ޓިކެޓެއް" ހޯދުން ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. މުބާރާތުގައި ބައިވެރިވާ މީހުން ކިރަން ބޭނުންކުރާ މިންގަނޑުތަކެއް ނުވަތަ ބަލާ ޝަރުތުތަކެއް ވެސް ހުރެ އެވެ.

އެކަމަކު ވެސް، ބައެއް މީހުން ބުނާ ގޮތުން ނަމަ، ޝަލަބީ އަކީ މި މުބާރާތެއްގެ އެންމެ އަލިގަދަ ތަރިއަށް ވެވިދާނެ ކުއްޖެކެވެ. އެ އަލިގަދަ ތަރީގެ ގޮތުގައި ވިދައި ބަބުޅަފާނެ ފެންވަރުގެ އުއްމީދަކާއި ހުނަރެއް މާތް ރަސްކަލާނގެ މިންވަރުކޮށްދެއްވާފައިވާ ނަސީބުވެރި ޒުވާނެކެވެ. އެންމެ ހާއްސަ ކަމަކީ ކޮބައި ހެއްޔެވެ؟ އެންމެ ހާއްސަކަމަކީ އަޑެވެ. ޝަލަބީ އަށް ދެއްވާފައި ވަނީ ޖާދުލެއް ކަހަލަ އަޑެކެވެ. ހަދަން ޖެހޭ ތަމްރީންތަކެއް ހަދައިގެން އަލިގަދަ ތަރިއަކަށް ޝަލަބީ އަށް ނުުވެވެންވީ އެއްވެސް ސަބަބެއް ނެތެވެ.

މި ވާހަކަ އަށް އެންމެ ބާރު ދެނީ އޭނާގެ އާދަޔާހިލާފު ބެކްގްރައުންޑް ސްޓޯރީ އެވެ. ރީއްޗަށް ގުރުއާން ކިޔެވުމަކީ އަދި ވަކިން ހާއްސަކޮށް މުބާރާތްތަކުގައި ރީއްޗަށް ގުރުއާން ކިޔަވައިގެން މީހުން އާޝޯހުކުރުމަކީ ނުވަތަ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވައިލުމަކީ ޝަލަބީ އަށް އާ ކަމެއް ނޫނެވެ.

މީގެ ކުރިން އެތައް ފަހަރަކު ގައުމީ ފެންވަރުގައި އޭނާ ގުރުއާން މުބާރާތްތަކުން ވަނަތައް ގެންގޮސްފައި އެބަހުއްޓެވެ. މާނަ އަކީ މަޚުރަޖުގައި ގުރުއާން ކިޔަވަން ޝަލަބީ އަށް ނޭނގޭ ކަމަށް ބުނާ މީހުންގެ ވާހަކައިގައި ވެސް ހަގީގީ ބުރަދަނެއް ނެތް ކަމެވެ. އަދި ކުޑަ ހިތްވަރެއް ލަނިކޮށް ރާއްޖޭގައި ނެތް ވަރުގެ އަޑަކަށް ޝަލަބީގެ އަޑު ބަދަލުވެދާނެ ކަމެވެ.

މޯލްޑިވިއަން އައިޑޮލް އަކަށް ޝަލަބީ ނުހޮވުނީ އެ ބުނާ ފުލް ޕެކޭޖު ހަމަނުވެގެން ކަމަށް ބައެއް މީހުން ބުނެ އެވެ. އެކަމަކު ޝަލަބީގެ ކުލަގަދަ ތާރީޚަށް ބަލައިގެން ވާހަކަ ދައްކާ ނަމަ މި ފެންވަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތެއް ކާމިޔާބުކުރުމުގެ ފުރިހަމަ ގާބިލުކަން މި ޒުވާނާ އަށް ލިބިފައި އެބަހުއްޓެވެ.

އެކަމަކު އަޅުގަނޑުމެން އަދި މިގޮތަށް ވާހަކަ ދެއްކިޔަސް، މީގެ މާނަ އަކީ ޝަލަބީ މި މުބާރާތެއްގައި ކޮންމެހެން ވާދަކުރާށެކޭ އަދި ޝަލަބީ އަށް ފުރުސަތެއް ދޭށެކޭ ވެސް ނޫނެވެ. މީގައި ވިސްނަންވީ ޝަލަބީ އަށް މިސާލަކަށް އެ ފުރުސަތު ލިބިއްޖެ ނަމަ އޭނާ ނެރެލަފާނެ ނަތީޖާއަކާ މެދުގަ އެވެ.

އަލުން ހިތްތައް އަތުލެވި އެންމެންގެ އިހްތިރާމާއި ގަދަރު ވެސް ލިބިދާނެ!

ޝަލަބީގެ ފެންވަރުގައި މަޝްހޫރުވެގެން ގޮސް ސަމާލުކަން ލިބުނު ދެ ވަނަ މޫނެއް މޯލްޑިވިއަން އައިޑޮލްގެ ދަތުރަކު ނެތެވެ. އޭނާ އަށް ދެ ގޮތަށް ވެސް ސަމާލުކަން ލިބިގެންދިޔައީ އެވެ. އެންމެ ފުރަތަމަ އެއީ އެތައް ބައެއްގެ ހަގީގީ އައިޑޮލް އެވެ. އެކަމަކު ފަހުން ބަދަލުވީ ބޮޑާހާކާ އައިޑޮލް އަކަށެވެ. އެއީ ނަތީޖާ ގަބޫލުނުކޮށް ހޭވި އަޑިއަކުން ސަޕޯޓަރުންނާއި އާންމުން ރުޅިގަދަކޮށްލީމަ އެމީހުން ދިން ނަމެކެވެ.

ފަހުން މައާފަށް އެދި ދެއްކި ވާހަކަތައް އަނބުރާ ގެންގޮސް ގެން ވެސް ކުރީގެ އަސްލު މަގާމު ގިނަ ބައެއްގެ ހިތުން ޝަލަބީއަކަށް ފަސޭހައިން ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އެންމެ އަލިގަދަ ތަރީގެ ސްޓޭޖަކީ ޝަލަބީއާ މެދު މީހުން ދެކޭ ގޮތް ބަދަލުކޮށްލަދެވިދާނެ ސްޓޭޖެކެވެ. ފަހަރެއްގައި އޭނާގެ މަންމަ އާއި ބައްޕަ އެންމެ ފުރަތަމަ އޭނާއާ މެދު ދެކުނު ހުވަފެންތައް ވެސް ހަގީގަތަކަށް ހަދައިދެވިދާނެ ސްޓޭޖެކެވެ.

ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ޝަލަބީ ބުނެފައި ވަނީ އޭނާގެ މައިންބަފައިން އޭނާ އަށް އަރަބިއްޔާ ސްކޫލްގެ ބެޖު ހޯދައި ދިނީ ވަރަށް ބޮޑެތި އުއްމީދުތަކެއްކޮށްގެން ކަމަށެވެ. އެ ސްކޫލްގައި ކިޔެވިއިރު ޝަލަބީ އަކީ ޕްރިފެކްޓެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ނަމަވެސް ލަވަކިޔުމަށް ހުރި ފޯރިއަކުން އޭނާ އެންމެފަހުން އެހެން ދިމާލަކަށް އެނބުރިގަތީ އެވެ. ފަހަރެއްގައި މިއީ އަލުން މިސްރާބު ބަދަލުކޮށްލުމަށް ޝަލަބީ ނުވަތަ ޝަލަބީ ފަދަ އެހެން ޒުވާނުންނަށް ވެސް ލިބޭ ރަނުގެ ފުރުސަތަކަށް ވެދާނެ އެވެ.

މޯލްޑިވިއަން އައިޑޮލް ކާމިޔާބުނުކުރެވުނަސް ޝަލަބީ އަށް، އެންމެ އަލިގަދަ ތަރި ކާމިޔާބުކުރެވިދާނެ ކަމަށް ގަބޫލުކުރާ މީހުން ވަރަށް ވެސް ގިނަ އެވެ. އެކަމަކު އެއްގޮތަކަށް ޝަލަބީ މި މުބާރާތުގައި ކޮންމެހެން ވާދަކުރާށެކޭ ނޫނެވެ. މިއީ ނުކުމެދާނެ ނަތީޖާއަކަށް ވިސްނަން ވަރަށް ސަޅި ސުރުހީއެއް ނޫން ހެއްޔެވެ؟

އެހެންވީމަ ކިޔުންތެރިންގެ ހިޔާލަކީ ކޮބައި ހެއްޔެވެ؟ މޯލްޑިވިއަން އައިޑޮލްގައި ބައިވެރިނުވެ، އެންމެ އަލިގަދަ ތަރިއަށް ތަމްރީން ހަދައިގެން ތައްޔާރުވެއްޖެ ނަމަ ޝަލަބީ އަށް މި މުބާރާތް ކާމިޔާބުކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގަބޫލުކުރާ މީހުން އަތް މައްޗަށް ނަގަމާ ހިނގާށެވެ. ޝަލަބީ އަކީ އެއްގޮތަކަށް ވެސް ދެރަވަރު އިންވެސްޓްމަންޓެއް ނޫނެވެ.