ލައިފްސްޓައިލް

އޯއެމްޖީ އޯއެމްޖީ ލޮލް، ދެ ތިކި ޕީ!!!

ތިޔައީ މައެއް، ބަފައެއް ނުވަތަ ކުއްޖެއްގެ ބެލެނިވެރިއެއް ނަމަ އިންޓަނެޓް ބަހުރުވަ އަކީ މިހާރު ދަސްކުރަންޖެހޭ އެއްޗެކެވެ. ދިވެހި ބަހާއި އިނގިރޭސި އަދި އެހެން ބަސްތަކަށް ކިތަންމެ ފަރިތަޔަސް މިހާރުގެ ކުރިން އިންޓަނެޓް މެދުވެރިކޮށް އެކި މީސްމީހުންނާ ކޮށްފައި ހުންނަ މުއާމަލާތަކުން އެއްޗެއް އޮޅުން ފިލާނީ މި ބުނި އާ ބަހުރުވަ ދަސްކޮށްގެންނެވެ.

ބަހުރުވައޭ ބުންޏަސް މި އުޅޭ ކުދިން މި ބޭނުންކުރަނީ ރަމްޒީ އަކުރުތަކެކެވެ. އަހަރެމެންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ " އޯއެމްޖީ އޯއެމްޖީ ލޮލް، ދެ ތިކި ޕީ" ލަވައިން މީގެ ވަރަށް ގިނަ ރަމްޒުތައް ގިނަ ބަޔަކަށް އެނގުނެވެ. އެކަމަކު އިންޓަނެޓްގެ ޒަމާން ކުރިއަރަމުން ދިޔަ ވަރަކަށް ބަސްތައް މި އަންނަނީ އުފަންވެ ގިނަވަމުންނެވެ. އާންމުކޮށް ވާހަކަދައްކާ އުޅުމުގެ ތެރެއަށް ވެސް އެ އަކުރުތައް ނުވަންނާނެ ކަމެއް ނޭނގެ އެވެ. މި ބަހުރުވަ އަށް ހާއްސަ ޑިކްޝަނަރީތައް ވެސް ހަދަމުން އެ ދަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ކުރިން މި ބުނި ލަވައިން އޯއެމްޖީ އާއި ލޮލް އާއި ދެ ތިކި ޕީ އޮންނާނީ އެނގިފައި ކަންނޭނގެ އެވެ. OMG އަކީ "އޯ މައި ގޯޑް" އެވެ. ދެން އޮތީ LOL އެވެ. މިއީ ނިކަން ބާރަށް ހިނިގަނޑެއް ޖަހާލުމެވެ. ލާފިން އައުޓް ލައުޑް އެވެ. ދެ ތިކި ޕީ އޭ މި ކިޔަނީ :P އަށެވެ. އެކި މެސެންޖާތަކުގައި މިގޮތަށް ޓައިޕްކޮށް އެންޓަކޮށްލުމުން ފެންނާނީ ދޫ ނެރެގެން އިންނަ މޫނެކެވެ. އެހެންވީ މިއީ ސަމާސާ ކޮށްލަން އަދި ޖެއްސުމުގެ ގޮތުން ބުނެލާ ވާހަކައަކަށް އިތުރުކޮށްލާ ސިފައެކެވެ. ފިލާވަޅު އަދި މި ފެށެނީ ކިރިޔާ އެވެ.

ކުރިން މި ކިޔައިދިން އަކުރުތަކުގެ މާނަ އެނގޭ ނަމަ IWSN އަކީ ކީކޭކަން އެނގޭ ހެއްޔެވެ؟ ދަރިއަކު އެހެން މީހަކަށް މި އަކުރުތައް މިހެން ލިޔެ ފޮނުވާފައިވާ ނަމަ ދަރިފުޅު އެހުރީ ނުބައި ފައްތަރެއްގައި ކަމަށް ބަލާށެވެ. މި އަކުރުތައް އެއީ "އައި ވޯންޓް ސެކްސް ނައު" އެވެ. މިއީ މަޖާ ވާހަކައެއް ނޫނެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކާ އެކު މި ވަނީ މިގޮތަށް ޖަހާ އަކުރުތައް ބޭނުންކުރުން އިންތިހާ އަށް އާންމުވެފަ އެވެ. މާ މޮޅު ގޮތަކަށް ވެފައި މިގޮތަށް މާ އަވަހަށް މެސެޖު ވެސް އެބަ ރައްދުކުރެވެ އެވެ. އެހެން މިސާލުތަކަށް ބަލާއިރު LMK އަކީ "ލެޓް މީ ނޯ" އެވެ. އަދި WYCM އަކީ "ވިލް ޔޫ ކޯލް މީ؟" އެވެ. މިއީ ހަމަ ކޮންމެ މީހަކު ވެސް ބޭނުންކޮށްލަން ރަނގަޅު އަކުރުތަކެކެވެ. އެކަމަކު GNOC އޭ ޖަހައިފި ނަމަ އެ ދެވެނީ ބަރަހަނާ ވުމާ ދިމާލަށްކަން ހަނދާންކުރާށެވެ. އެއީ "ގެޓް ނޭކެޑް އޮން ކެމެރާ" އެވެ. މީގެ މާނަ އެނގޭތީ ވެސް ތޯއްޗެކެވެ. ރާއްޖޭގެ އެކި ފެންވަރުގެ މީހުން މިކަން ކޮށްފި އެވެ!

މައިންބަފައިންނަށް ސިއްރުން ކުރާ ޗެޓެއްކަން އަންގައިދޭ ރަމްޒު އަކުރުތަކެއް ވެސް އެބަ އުޅެ އެވެ. އެއީ PIR އެވެ. "ޕޭރަންޓްސް އިން ރޫމް" އެވެ. މައިންބަފައިންނަށް ސިއްރު ޗެޓްތަކުގައި ހަމައެކަނި "9" ވެސް ޖަހާފައި އޮވެދާނެ އެވެ. މާނަ އަކީ "ޕޭރަންޓް ވޮޗިން" އެވެ. "99" އަކީ "ޕޭރަންޓް ގޯން" އެވެ.

މިހެން ގޮސް ނަން ހުސްކޮށް ކިޔަންވީ އެވެ. އެހެންވީމާ އިންޓަނެޓުގެ އެކި ސައިޓްތައް ބޭނުންކޮށްގެން މި ބަހުރުވަ ދަސްކުރާށެވެ. އެހެން ނޫނީ މިއުޅޭ ކުދިން ކުރާ ކަމެއް، ކުރަން އުޅޭ ކަމެއް ރެޔަކާ ވެސް ނުލާނެ އެވެ.