ރޯދަމަހާ ދިމާކޮށް ޤުރުއާންގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވީޑިއޯ ނެރެން ނިންމާފައިވާ ކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނެފި އެވެ.
އަލިގަދަތަރި މުބާރާތް އިފްތިތާހުކޮށް ސްޕޮންސަރުންނާ އެކު ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ކީރިތި ޤުރުއާންގެ ތަރުޖަމާ ބައިބަޔަށް ރެކޯޑުކޮށްގެން ޓީވީއިންނާއި ރެޑިއޯތަކުން ދެއްކި ނަމަވެސް މިހާތަނަސް އައިއިރު ދައުލަތުގެ ފަރާތުން މުޅި ޤުރުއާން ރިކޯޑުކޮށް އުފައްދާފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް ޕީއެސްއެމް އުފެދުނު ދުވަހުން ފެށިގެން، މުޅި ޤުރުއާން ތަރުޖަމާކޮށް އޯޑިއޯއާއި ވީޑިއޯ ހަދަން މަސައްކަތް ފަށާފައިވާނެ ކަމަށާއި މިހާރު އެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ. ރޯދަ މަހުގެ ތެރޭގައި ގުރުއާނުގެ ތަރުޖަމާގެ އޯޑިއޯ އަދި ވީޑިއޯ ނެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިޔަށް އޮތް ރޯދަ މަހުގެ ތެރޭގައި ޕީއެސްއެމްގެ ފަރާތުން ކީރިތި ޤުރުއާނުގެ ތަރުޖަމާނުގެ އޯޑިއޯ ވީޑިއޯ ރައްޔިތުންނާއި ހަމަޔަށް ގެނެސްދޭނަން. އެގެނެސްދޭ އިރު ހަމައެކަނި ސީޑީއަކުން ނޫން ޑީވީޑީގެ އިތުރުން ޕެން ޑްރައިވް އަކަށް އަޅަން ބޭނުން ވިޔަސް އަދި ފޯނުގައި އޮންނަ އެޕްލިކޭޝަނަކުން އަޑުއަހާލަން ބޭނުންވާ މީހާއަށް ވެސް އެފުރުސަތު ލިބޭނެ،" ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިމަސައްކަތް ފުރިހަމަވެގެން ރައްޔިތުންނާއި ހަމަޔަށްދާއިރު ވަރަށް ފަސޭހަ ކަމާއި އެކު ޤުރުއާނުގެ ކޮންމެ ސޫރަތެއް ނަގައިގެން އޭގެ ތަރުޖަމައި އަޑުއަހާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.