ބޮލީވުޑް

"އިއްތިފާގު" ގެ ރީމޭކްގައި ސިދާތް އާއި އާލިއާ

May 17, 2016

ފިލްމުތަކުން އާންމުންގެ މަގުބޫލުކަން ހޯދާ ޖޯޑުތަކަށް އާފިލްމުތަކުން ހުށަހެޅުން ލިބުމަކީ އާންމުކަމެކެވެ.

މާޗް މަހުގެ ތެރޭގައި ނިކުތް "ކަޕޫރް އެންޑް ސަންސް" އަށްފަހު ސިދާތް މަލްހޯތުރާ އާއި އާލިއާ ބަޓް އަށް ލޯބީގެ ފިލްމެއް ކަމަށްވާ "އާޝިގީ 3" އިން ހުށަހެޅުން ލިބިގެން ގޮސްފައިވާއިރު، މިދެތަރިންނަށް އަނެއްކާވެސް މިވަނީ އިތުރު ފިލްމަކުން ހުށަހެޅުމެއް ލިބިގެން ގޮސްފަ އެވެ.

އެކުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި މިދެތަރިން އެކުގައި ހަތަރު ވަނަ އަށް ކުޅޭ ފިލްމަކަށް ހުށަހެޅުން ލިބިފައިވަނީ 1969 ވަނަ އަހަރު ނިކުތް ސައިކޮލޮޖިކަލް ތްރިލާ "އިއްތިފާގް" ގެ ރިމޭކުންނެވެ.

ބުނެވޭ ގޮތުގައި މިފިލްމުގައި މިދެތަރިން ކުޅޭނީ އެކަކު އަނެކަކުގެ ދުޝްމިނެއްގެ ރޯލެވެ.

"އިއްތިފާގް" ގެ ރިމޭކް އުފައްދަނީ މިފިލްމުގެ އަސްލު ފިލްމު އުފައްދާފައިވާ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ރަވީ ޗޯޕްޅާގެ ދަރިފުޅު އަބޭ ޗޯޕްޅާ އެވެ. މިއީ އަބޭ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށްވީއިރު، މިހާރު މިފިލްމުގެ ލީޑްރޯލު ސިދާތް އާއި އާލިއާ އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

މިހާރު އަބޭ މިފިލްމުގެ ސްކްރިޕްގެ މަސައްކަތް ކުރަމުން އަންނައިރު، މިހާރާ ގުޅޭނޭ ގޮތަށް ކުރީގެ ފިލްމުގެ ކްލައިމެކްސް ބަދަލުކުރާނެ ކަމަށްވެ އެވެ. އަދި މިފިލްމުގެ ޕްރޮޑިއުސަރުންނަކީ އަބޭގެ ބޭބެ ކަޕިލް އާއި ޝާހްރުކް ޚާންގެ އިތުރުން ޕްރޮޑިއުސަރު ކަރަން ޖޯހަރު އެވެ.

އިނގިރޭސި ފިލްމު "ސައިން ޕޯސްޓް ޓު މާޑާ" ގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ "އިއްތިފާގު" ގެ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ރާޖޭޝް ކަންނާ އާއި ނަންދާ އެވެ.