ކޮންމެ އަހަރަކުވެސް ޕްރާންސްގައި ބާއްވަމުން އަންނަ ކޭންސް ފިލްމު ފެސްޓިވަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ފިލްމު ދައްކާލުމަށް ބާއްވާ ފެސްޓިވަލް އަކަށް ވިޔަސް މިފެސްޓިވަލްގައި ދައްކާ ފިލްމަށް ވުރެން ފޯރިގަދައީ ކޭންސްގެ ރެޑްކާޕެޓްގައި މަޝްހޫރު ތަރިން ދައްކާލާ ހެދުންތެކެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ އައިޝްވާރިޔާ މިފެސްޓިވަލްގައި ބައިވެރިވަމުން އަންނަތާ މިއީ ފަނަރަ ވަނަ އަހަރު އިރު، އޭނާ ކޮންމެ އަހަރަކުވެސް ރެޑްކާޕެޓްގައި ހިނގާލާނެ އިރަކަށް އެތައް ބަޔަކު އިންތިޒާރުކުރެ އެވެ.
މިއަހަރުގެ ފެސްޓިވަލްގައި ބައިވެރިވެ ރެޑްކާޕެޓްގައި އައިޝްވާރިޔާ ހިނގާލާފައިވާއިރު، ބެލުންތެރިން އުންމީދުކުރި ވަރުގެ ރީތި ފަރި ދައްކާލުމެއް އޭނާގެ ކިބައިން ފެނިގެން ގޮސްފައެއް ނުވެ އެވެ.
ފުރަތަމަ ދުވަހު އައިޝްވާރިޔާ ލައިގެން ހުރި ގޯލްޑް ކުލައިގެ ހެދުމަކީ މާ އައުޓްޑޭޓެޑް ސްޓައިލެއްގެ ހެދުމެއް ކަމަށް ފެޝަން ޑިޒައިނަރުން ވެސް ފާހަގަކޮށްފައިވާއިރު، ދެވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރުމަށް އައިޝްވާރިޔާ ލއިގެން ހުރި ރަތްކުލައިގެ ހެދުން ގިނަބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.
ނަމަވެސް ރެޑްކާޕެޓްގައި އެންމެފަހު ދުވަހު އައިޝްވާރިޔާ ރަމީ ކަދީ މަޑު ފިޔާތޮށި ފްލޯރަން ގައުންއެއްގައި ހިނގާލިއިރު، އޭނާގެ ތުންފަތުގައި ޖައްސާފައި ހުރި ދަނބުކުލައިގެ ލިޕްސްޓިކް ވެގެން ދިޔައީ ބޮޑު ޝޮކަކަށެވެ.
އައިޝްވާރިޔާ ތުންފަތުގައި ޖައްސާފައި ހުރި ކުލައިން އޭނާ ލައިގެން ހުރި ރީތި ހެދުމުގެ ރީތިކަން ވެސް ގެއްލިގެން ގޮސްފައިވާއިރު، ގިނަފަރާތްތކުން ވަނީ އައިޝްވާރިޔާ ފަދަ މަޝްހޫރު ތަރިއަކުން މީހުންގެ އެޓެންޝަން ހޯދަން ވެސް އެކަހަލަ ކަމެއް ކުރުމަކީ ގަބޫލު ނުކުރެވޭ ކަމެއް ކަމަށާއި އެއީ އެފަދަ ކަމެއްގެ ގޮތުން ކުރި ކަމެއް ނަމަ އެއީ ވަރަށް ބޮޑު "ފެޝަން ފްލޮޕް" އެއް ކަމަށް ބުނެފަ އެވެ.
ބައެއް ފެޝަން ޑިޒައިނަރުން އައިޝްވާރިޔާގެ މިލުކްސްއާ ގުޅޭގޮތުން ކޮމެންޓްކުރަމުން ވަނީ އޭނާ ފަދަ ރީތި މީހެއްގެ ރީތިކަން ވެސް ދަނބުލައިގެ ލިޕްސްޓިކުން ގެއްލިފައިވާ ކަމަށާއި މިއަހަރުގެ ފެސްޓިވަލްގައި އައިޝްވާރިޔާ ލީ ހުރިހާ ހެދުންތަކާއި އޭނާގެ މޭކަޕަށް ބަލާލުމުން ވަރަށް ބޮޑަށް ތަފާތު ސްޓައިލް އެކްސްޕެރިމަންޓްކުރަން މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ވަނީ ބުނެފަ އެވެ.
އައިޝްވާރިޔާ އިއްޔެރޭ ކޭންސްގެ ރެޑްކާޕެޓްގައި ދެން އެންމެ އަވަހަށް އޭނާގެ ރިލީޒްވާ ފިލްމު "ސަރަބްޖިތް" ގެ ޓީމާއެކު ދަނބު ލިޕްސްޓިކް ޖައްސައިގެން ހިނގާލުމާއެކު ޓްވިޓާ ވަނީ ކެކި އަރާފަ އެވެ. އެއްބަޔަކު މިކަން ބޮޑު ޖޯކަކަށް ހަދާފައިވާއިރު މިފަހަރު ކޭންސްގައި އައިޝްވާރިޔާގެ ފެޝަން ފެއިލް ވެއްޖެ ކަމަށް ވަނީ ބުނެފަ އެވެ.
އައިޝްވާރިޔާ އަށް ޖޯކުޖަހާފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އޭނާ ކޭންސްގައި ބައިވެރިވަނީ ލޯރިއަލްގެ ބްރޭންޑް އެމްްބެސެޑަރެއްގެ ގޮތުން ކަމަށާއި ނަމަވެސް އައިޝްވާރިޔާ ހީވަނީ ފާރުގަލާ ކުލަ އުފައްދާ ކުންފުންޏަކުން އޭނާ ސްޕޮންސާކޮށްފައިވާހެން ކަމަށް ލިޔެފަ އެވެ.
މީގެއިތުރުން ވެސް އައިޝްވާރިޔާ ހީވަނީ ބްލެކް ކަރަންޓް މާގިނައިން ރެޑްކާޕެޓްކުރިން ކައިގެން ގޮސް ހުރީހެން ވެސް ބުނެފައިވެ އެވެ.