ވިޔަފާރި

އެމްޓީސީސީގެ އަަހަރީ އާއްމު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަނީ

May 17, 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން ބުނި ގޮތުގައި ހޯމަ ދުވަހުގެ ރޭ ނުވައެއް ޖަހާއިރު ހޮޓެލް ޖެން ބޯލްރޫމުގައި ބާއްވާ އަހަރީ އާއްމު ޖަލްސާގައި 2014 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި 2015 ވަނަ އަހަރުގެ ކުންފުނީގެ ފައިދާ އާއި ގެއްލުމުގެ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅައި ފާސް ކުރުންވެސް އޮންނާނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ އަދަދު ފާސް ކުރުމަށް ވޯޓަށް އެހުންވެސް އޮންނާނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 150 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މި ފައިދާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 50 ރުފިޔާ ހިއްސާއެއްގެ މަގުން 22 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.