ހަބަރު

ފިޔާޒުގެ ދައުވާ ފޯމް އަދިވެސް އިސްލާހުނުވޭ، އަޑުއެހުން ކެންސަލް

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ފޯމް އިސްލާހު ކުރުމަށް މިއަދުގެ އެ މައްސަލާގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު މެންދުރުފަހު ދެއެއް ޖަހާއިރަށެވެ.

ދައުވާ ފޯމް އިސްލާހުކުރުމަށް މި މައްސަލާގެ އަޑުއެހުން ކެންސަލްކުރި މިއީ ދެވަނަ ފަހަރެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރު އާދަމް އާރިފް މީގެކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ދައުވާގައި ސާފުނުވާކަންކަން ހުރިކަން ފާހަގަކުރައްވާފަ އެވެ.

ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ "ޖެހުމު" ގެ ދައުވާ އެވެ. މި ދައުވާ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ދައުވާ ދަރަޖަކޮށްފައިވަނީ އެ މާއްދާގެ (ށ) ގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ. އެ ނަންބަރުގައި ބުނެފައިވަނީ އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަރާތަކީ ފުލުހެއް ނުވަތަ ސިފައިންގެ މީހެއް ކަމުގައިވުން ކަމަށެވެ.

ގާޒީ އާރިފު ވަނީ، ދައުވާގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، އެކަންކަން ސާފުކުރެއްވުމަށް ދައުލަތުގެ ވަކީލުންނާ ސުވާލުކުރައްވާފަ އެވެ. ގާޒީ އާރިފު ވިދާޅުވެފައިވަނީ، ދައުލުން ކޮށްފައިވާ ދައުވާގައި އަނިޔާވި ކަމަށް ބުނެފައި ނެތް ކަމަށެވެ. އެހެންކަމުން ދައުވާ އެ ނަންބަރުން ދަރަޖަ ކޮށްފައިވަނީ ކީއްވެތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

މި ދައުވާއަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. ފިޔާޒަށް ދައުވާކޮށްފައިމިވަނީ، މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގި ކަމަށް ބުނާ ހާދިސާއެއްގެ ތުހުމަތުގަ އެވެ.

ފިޔާޒަކީ ކުށެއް ކުރި ކަމުގެ ރިކޯޑް އޮތް ނޫސްވެރިއެއް ނޫނެވެ.