ހަބަރު

ރޯދަ އިނާޔަތް ދިނުމުގައި ތަފާތު ކުރާނެ ކަމަށް ބުނެ ފަތުރަނީ ފޭކް ލިޔުމެއް!

ޏ. އަތޮޅު ތައުލީމީ މަރުކަޒުން އަންހެން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމުގައި ތަފާތު ކުރާނެ ކަމަށް ބުނެ، އެ ސްކޫލްގެ ސީލްޖަހައި ޝޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ލިޔުމަކީ އެ ސްކޫލްގެ އެއްޗެއް ނޫން ކަމަށާއި އެފަދަ އެއްވެސް ލިޔުމެއް ނެރެފައި ނުވާނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އެ ލިޔުމުގައި ބުނެފައިވަނީ، މި އަހަރުގެ ރޯދަ އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ ރޯދަ ހިފާ މިންވަރަށް ބަލައިގެން ކަމަށެވެ. އަދި އަންހެން ކަނބަލުންގެ ހައިލުގެ ދުވަސްވަރުގައި ހޭދަވާ މުއްދަތަށް ރޯދަ ބޯނަސް އެލަވެންސުން ދުވަހަށް ޖެހޭވަރު އުނިކުރުމަށް އަންގާފަވާތީ، ހައިޟުގެ މުއްދަތު އަންގަން އެދޭ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.

އެ ސްކޫލްގެ އެޑްމިނިސްޓްރޭޓާ އަހުމަދު ޝިޔާމް މޫސާ "އަވަސް" އަށް ވިދާޅުވީ، އެ ލިޔުމަކީ އެއްގޮތަކަށް ވެސް ސައްހަ ލިޔުމެއް ނޫން ކަމަށެވެ. އެއީ، ބަޔަކު ސްކޫލްގެ އަގު ވައްޓާލުމަށް ހަދައިގެން ފަތުރަމުންދާ ލިޔުމެއް ކަމަށެވެ. ސިޔާމް ވިދާޅުވީ، މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމުގައި ތަފާތުކުރުމަށް އެ ސްކޫލުން ނިންމާފައިނުވާ ކަމަށެވެ.

"އެއްވެސް އަސްލެއް ނެތް ލިޔުމެއް، ފިނޭންސް މިނިސްޓްރީން އެންގެވި ގޮތަށް މުވައްޒަފުންނަށް އިނާޔަތް އަޅުގަނޑުމެން ދޭނަން، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެ ދަނީ ވަރަށް ބޮޑަށް ފޭކް ލިޔުމެއް،" ޝިޔާމް ވިދާޅުވި އެވެ.

އެ ލިޔުމެއް ހަދައި ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ސްކޫލާ މެދު ހިންހަމަނުޖެހުމެއް އުޅޭ ބަޔަކު ގަސްތުގައި ކަމަށެވެ.