ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އެނގުނު ހިސާބުން ފެށިގެން ހިތަށް އެރީ މިހެންނެވެ. ދަރިއަކު ލިބުނަސް މި ދިރިއުޅުން ބަދަލެއް ނުކުރާނަމެވެ. މިއުޅޭ ފަދަ މަޖާ ދިރިއުޅުމެއް ދަރިފުޅު ގޮވައިގެން އުޅެވޭނެ އެވެ. ޖެހޭނީ ދަރިފުޅު ހާނުވާލާށެވެ. މަސް ދަތުރުތައް ގޮސް އޯވާ ނައިޓު ދަތުރުތައް އަދިވެސް ރައްޓެހިންނާއެކު ދާނަމެވެ. ދަރިފުޅަކީ މިނިވަންކަމަށް އެޅުނު ހުރަހެއް ނޫނެވެ. މި ދަރިފުޅަކީ އެހެން ވިސްނާ ދިރިއުޅުން ބަދަލުކުރި މަންމައިންނަށް ފިލާވަޅެއް ނަގައިދޭން އެހީތެރިވާނެ ދަރިފުޅަކަށް ވާނެ ކަމަށް ޔަގީން ކުރީމެވެ. ދެމަފިރިން ތިބީ އެގޮތަށް ނިންމާ ހުރިހާ ތައްޔާރެއް ވެގެންނެވެ. ދަރިފުޅަށްވެސް ދަތުރުފަދަ ތަންތަނަށް ގޮސް ބޭނުންކުރާނެ ތަކެތި ގަތީމެވެ.
މީހުން ދައްކާ ވާހަކަ ގަބޫލު ނުކުރަން އެތައް ސަތޭކަ ފޮތެއްވެސް ލައިބްރަރީއަށް އިތުރުކޮށް މުތާލިއާ ކުރީމެވެ. އެހެން ނަމަވެސް ދަރިފުޅު ލިބުމުން ހީކުރި ގޮތާ މުޅިން ހިލާފަށް ކަންތައް ދިޔަ އީ އެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިއަސް ދަރިފުޅު އަހަރުމެންގެ ދިރިއުޅުމަކަށް ނުހޭނޭނެ އެވެ. ދަރިފުޅު ގޮވައިގެން އެއްވެސް ކަހަލަ ދަތުރެއް ނުދެވުނެވެ. އަމިއްލަ ހިތްވެސް ގަބޫލުނުވީ އެވެ. އަމިއްލަ ކަންތަކަށްވުރެ ދަރިފުޅު މުހިންމުވީ އެވެ. ކުރީގެ ދިރިއުޅުމާ ދުރަށް ދެވުނީ އެވެ.
ދެވަނަ ދަރިފުޅުވީ އެފަދަ ދަތުރުތަކަށް އެޅުނު އިތުރު ހުރަހަކަށެވެ. ނަމަވެސް އެކަމާ ކުރާނެ ޝަކުވާއެއް ނެތެވެ. އެ ދިރިއުޅުމަށްވުރެ މިދިރިއުޅުން މާ މަޖާވެފައި ހިންހަމަ ޖެހެނީ އެވެ. ނަމަވެސް އެއް ކަމެއް އެބައިނެވެ. އެއީ ދެމަފިރިން އެކުގައި ހޭދަކުރަން ވަގުތު ނުލިބުމެވެ. ފިނި ބުރުތަކުން ޑޭޓުތަކަށް އަދި ފިލްމު ބަލަން ސިނަމާއަށް ގޮސް ދެނެއް ނީނދެވޭނެ އެވެ. އެހެންވީމަ ދަރިއަކު ހޯދުމުގެ ކުރިން ވިސްނަން އެބަޖެހެ އެވެ. ބިނާ ކުރާނީ ކޮންކަހަލަ އާއިލާއެއްތޯ އެވެ. ދިރިއުޅުން ބަދަލުކޮށްލާނީ ކިހިނެއްތޯ އެވެ. ދެ މީހުންނަށް އެންމެ ފަސޭހަވާނީ ކިހިނެއް ކަންތައް ކޮށްގެން ތޯ އެވެ. މިހުރިހާ ކަމަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވާން ވާނެ އެވެ. ދަރިން ބޮޑުވަމުން އަންނަ އިރު ދެމަފިރިންގެ އުޅުން ބަހައްޓާނީ ކިހިނެއްކަންވެސް ނިންމާފައި ހުރުން މުހިންމެވެ.
ވަރަށް ސްޓްރެސް ވާނެ، ރަނގަޅަށް ނިދާ ނުލެވޭނެ
ދަރިއަކު ލިބުނު ފަހުން ހަމަ ނިދި ލިބުނު ދުވަހެއް ހަނދާނަކަށް ނާދެ އެވެ. ކުރިން އަހަރެން ހީކުރީ ވަރުބަލިވީމަ ނިދޭނެ ކަމަށެވެ. ކުދިން ގެންގުޅެންޏާ ވަރަށް ވަރުބަލިވެސް ވާނެތާ އެވެ. ކުދިން ނިދީމަ އެއޮތީ ހަމަ ނިދަން ވަގުތެވެ. އެކަމަކު ކަންތައްވީ އެހެންނެއް ނޫނެވެ. ދަރިފުޅުގެ ކަމެއް ނުކުރެވި ހުރިތޯ ވިސްނެ އެވެ. ދަރިފުޅު ހޭލާއިރު ހޭލާ ނުހުރެވިދާނެތީ ނިދާކަށް ބޭނުމެއް ނުވެ އެވެ. ހަމަ ނިދި ނުލިބުމުން މީހާ ސްޓްރެސް ވަމުން ދިޔަ އިރުވެސް ވިސްނެނީ ދަރިފުޅާ މެދުގަ އެވެ. އެއް ފަހަރުވެސް އެކަމުން ކައިވެންޏަށް އަސަރުކުރަމުންދާ ކަމެއް ދެނެއެއް ނުގަނެވެ އެވެ.
ދަރިފުޅު ލިބުނު ދުވަހުން ފެށިގެން މިހާތަނަށް ދެމީހުންގެ ގުޅުމުގެ ވާހަކަ އެއްވެސް ވަރަކަށް ނުދެއްކެ އެވެ. ކުރިން ދުލު ކުރީގައި 24/7 އޮތް ވާހަކަ ހަނދާނުގައި ހުރިހެންވެސް ހީނުވެ އެވެ. ކައިވެނީގެ ގުޅުން ހީނަރުވަމުންދިޔަ އިރުވެސް އެކަން ފާހަގައެއް ނުކުރެވުނެވެ. ދެމީހުންނަށްވެސް މުހިންމުވީ ދަރިފުޅެވެ. ދަރިފުޅުގެ މުސްތަގްބަލެވެ. ރަނގަޅެވެ. ދަރިފުޅަށްވުރެ މުހިންމު ކަމެއް ނެތެވެ. އެކަމަކު އެދަރިފުޅުގެ މަންމަ އާއި ބައްޕަގެ މުސްތަގްބަލް އުޖާލާނުވެ އެދަރިފުޅުގެ މުސްތަގްބަލް އުޖާލ ކުރެވިދާނެތޯ އެއީ ދެމަފިރިން ކޮށްލަން ރަނގަޅު ސުވާލަކަށް ވާނެ އެވެ.
އެހެން ވީމަ ވީވަރަކުން ދެމަަފިރިންނަށް ވަގުތު ހުސްކުރުން މުހިންމެވެ. ކުރީގައި އުޅުނު ހެން އެކަކު އަނެކަކު ކައިރިން ކަންތައްތަކު ކިޔަންވާނެ އެވެ. އަދި ޝުކުރު އަދާކުރަންވެސް ވާނެ އެވެ. އެކަމަކު އެއީ ދަންވަރު ތިނެއް ޖެހީމަ ނިދަން އޮށޯވެ ޝުކުރިއްޔާ އޭ ބުނެލައިގެންނެއް ނޫނެވެ. ހާއްސަ ދެ މީހުންވެސް އުފާވާނެ ފަދަ ގޮތަކަށެވެ. ދެ މީހުންެސް ހިން ހަމަ ޖެހި އުފަލުގައި ތިބެގެން ނޫނީ ދަރިފުޅު އުފަލުގައި ނުބެހެއްޓޭނެ އެވެ.
ހުސް ވަގުތެއް ނެތް، އެކަމަކުވެސް ހާއްސަ އުފާވެރިކަމެއް
ނުލިބޭނެ. އެންމެ މިނެޓެއްވެސް ނެތް. ކިރިޔާވެސް ހުސް ވަގުތެއް ލިބިދާނެ އެވެ. އެކަމަކުވެސް އެއީ ހަގީގީ ހުސްވަގުތެއް ނޫނެވެ. ދަރިފުޅުގެ ކޮންމެސް ކަމެއް އެގަޑީގައިވެސް ކުރަން ޖެހޭނެ އެވެ. ދަރިފުޅު ގޮވައިގެން ޕާކަށް ގޮސް އިންނަ ވަގުތެވެ. އެވަގުތު ކަމެއް ނުކޮށް އިށީނދެލައިގެން އިނދެލަން ފުރުސަތު ލިބުނަސް 500% ސަމާލުކަން އބަދުވެސް ދަރިފުޅަށް ހުސްކުރަން ޖެހެ އެވެ. ތެދަށް ބުނަންޏާ ހަމަ ހުސް ވަގުތެއް ނެތެވެ. އެކަމަކުވެސް އެއީ ވަރަށް ހާއްސަ އުފާވެރި ކަމެކެވެ. ދިރިއުޅުމުގައި ކުރެވުނު އެންމެ ތަފާތު އަދި ހިންހަމަޖެހޭ ތަޖުރިބާ އަކީ އެވެ. އަލަށް ދަރިފުޅު ފެނުނު ހިނދު އެކުރެވުނު އިހުސާސް ދުވަހަކުވެސް ހަނދާނުން ނުފިލާނެ އެވެ.