ޑޮނަލްޑް ޓްރަމްޕް

އުތުރުކޮރެއާ އާއެކު ވާހަކަ ދައްކަން ޓްރަމްޕް ތައްޔާރުވެއްޖެ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ގާތްގަނޑަކަށް ޔަގީންވެފައިވާ ބިލިއަނަރު ޑޮނާލްޑް ޓްރަމްޕް އުތުރު ކޮރެއާގައި ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމްތަކާއި ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު މިހިރީ ކިމް ޖޮންގް އުން އާ ވާހަކަ ދައްކަން ތައްޔާރަށް. އެކަމުން އަޅުގަނޑަށް އެއްވެސް މައްސަލައެއް ނުފެނޭ،" ބީބީސީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ގެންނަން ޗައިނާއަށް ޕްރެޝަރު ކުރާނެ ކަމަށެވެ. ޗައިނާއަކީ އުތުރު ކޮރެއާއަށް ވާގިވެރިވާ ހަމައެކަނި ގައުމެކެވެ. އެހެން ގައުމު ތަކެކޭ އެއްގޮތަށް އެމެރިކާ އަކީވެސް ސިޔާސީ ގޮތުން އުތުރު ކޮރެއާ އެކަހެރިކޮށް ވަކިކޮށްލުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.

އެހެން ކަމުން ޓްރަމްޕްގެ މިވާހަކަފުޅަކީ އެމެރިކާގެ ހާރިޖީ ސިޔާސަތާ ހިލާފަށް ދައްކާފައިވާ ވާހަކަފުޅެކެވެ.

ޓްރަމްޕްގެ ވާހަކަފުޅަށް އުތުރުކޮރެއާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ހިލަރީ ކްލިންޓަންގެ އަރިސް ބޭފުޅަކު ވަނީ އެވާހަކަފުޅަށް ފާޑުކިޔާފަ އެވެ. އޭބާ ވިދާޅުވީ ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަކީ "ހަމަ ނުޖެހޭ" ސިޔާސަތެއް ކަމަށެވެ.

މިހަފްތާގެ ކުރީކޮޅު ޓްރަމްޕްވަނީ އިނގިރޭސި ވިލާތާއެކު މާބޮޑު ގުޅުމެއް ނުބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕް އެހެން ވިދާޅުވީ ލަންޑަނުގެ އާ މޭޔަރު ސޯދިގު ހާން އާއި ބޮޑު ވަޒީރު ޑޭވިޑް ކެމަރޫން ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ.