ވެމްކޯ

ކުނި އުކާ ދޯނިތައް މިއަދު ދެ ނަމްބަރު ކުނިކޮށީ ސަރަހައްދަށް

ކުނި އުކާ ދޯނިތައް އޮންނަ ސަރަހައްދު ވަގުތީ ގޮތުން ބަދަލު ކުރުމަށްފަހު އަނެއްކާވެސް މިއަދު ހަވީރު 4:00 އިން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ހުންނަ ދެ ނަމްބަރު ކުނިކޮށި ކުރިމައްޗަށް ވާގޮތަށް އޮންނާނެ ކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ކުނި އުކާ ދޯނިތައް މިދުވަސް ވަރު ބަނދަރު ކުރަނީ ޓީ ޖެޓީ ސަރަހައްދުގަ އެވެ.

ވެމްކޯއިން ބުނީ ސައުތު ވެސްޓު ހާބަރުގެ ނެރު ކެނޑުމުގެ މަސައްކަތް ނުނިމޭ ކަމަށާއި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ޓީ ޖެޓީ ސަރަހައްދުގައި ކުނި އުކާ ދޯނިތައް ބަހައްޓަން ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ. ޓީ ޖެޓީ ސަރަހައްދަށް ކުނި އުކާ ދޯނިތައް ބަދަލުކުރީ މިދިޔަ ހުކުރު ދުވަހެވެ. އެއީ ސައުތު ވެސްޓު ހާބަރުގެ ނެރު ކެނޑުމުގެ މަސައްކަތް ކުރުމަށެވެ.

ވެމްކޯ އަކީ މާލެ އަދި މާލޭގެ ވޭސްޓް މެނޭޖް ކުރާ ކޯޕަރޭޝަނެވެ. އެކޯޕަރޭޝަނުން ހުޅުމާލޭގެ ކުނި މެނޭޖްކުރަން ވަރަށް އަވަހަށް ފަށާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.