ރައީސް މުހައްމަދު ނަޝީދު

އިރާނާއެކު ޑިޕްލޮމެޓިކް ގުޅުން ކެނޑުމަކީ ދިވެހިންނަށް ނިކަމެތިކަމެއް: ނަޝީދު

ރާއްޖެ އާއި އިރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަކީ ދިވެހިންނަށް ލިބޭ އިތުރު ނިކަމެތި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާ ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއްވެސް ނެތް ކަމަށެވެ.

އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ނިންމާ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވާތީ އާއި ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއްކަމަށްވާތީ" ކަމަށެވެ.

ރާއްޖެއިން އިރާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރީ ޖޫން 2، 1975 ގަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ އެޕްރީލް މަހު ތުރުކީގައި ބޭއްވި އިސްލާމިކް ސަމިޓުގައި، އިސްލާމީ ގައުމުތަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި ދެބަސްވުމާއި ހިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީ އާއިި ޔޫއެން ޗާޓަރާ އެއްގޮތަށް ސުލްޙަވެރި ގޮތްތައް އިހްތިޔާރު ކުރަން ނިންމާފައި ކަމަށެވެ. އަދި މިފަދައިން އަމަލުކުރުމަށް އިރާނަށް ގޮވާލާފައިވާނޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.