ހަބަރު

ކަޅުއޮއްފުންމި ސިޓީ ޕާކަށް ގެންގޮސްފި

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ތާރީހީ ރަމްޒެއްގެ ގޮތުގައި އާންމުންނަށް ފެންނަ ގޮތަށް ބާއްވަން ސަރުކާރުން ބަނދެފައިވާ ނަމޫނާ ކަޅުއޮއްފުންމި، ސިޓީ ޕާކުގައި ބަހައްޓައިފި އެވެ.

އަލިކަލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކުގައި ކަޅުއޮއްފުންމި ބަހައްޓާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެތަނުގައި ކަޅުއޮއްފުންމި ބަހައްޓާފައިވާ އިރު ހޯމް މިނިސްޓްރީ އިން ވަނީ ސިޓީ ޕާކު "ލެޑް ޕާކް"އެއް ގޮތަށް ތަރައްގީ ކުރަން ނިންމާފައެވެ. އެގޮތުން މިއަދު ވަނީ ސަލްޓަން ޕާކުގައި ހުރި ބައެއް ލެޑް ގަސްތައް ވެސް ސިޓީ ޕާކަށް ބަދަލުކޮށްފައެވެ.

ހޯމް މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ބަނދެފައިވާ ކަޅުއޮއްފުންމި އާއި ލެޑު ލައިޓް ގާޑަން، ސިޓީ ޕާކަށް ބަދަލު ކުރުމަށްފަހު އަންނަ މަހު ހުޅުވާނެ ކަމަށެވެ. އަދި ކަޅުއޮއްފުންމި ސިޓީ ޕާކަށް ބަދަލުކުރަން ނިންމީ ހުޅުމާލެ ހެރިޓޭޖް އައިލެންޑް މުޅިން ނިމެން އަދިވެސް ވަރަށް ގިނަ ދުވަސް ނަގާނެތީ ކަމަށާއި އެހާ ދުވަހު އޮޑި އާންމުންނާ ދުރުގައި ބާއްވަން ބޭނުން ނުވާތީ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.

ދިގުމިނުގައި 54 ފޫޓު ހުންނަ ނަމޫނާ ކަޅުއޮއްފުންމި ބަނދެފައިވަނީ 120 ރުއް ކަނޑާ އޭގެ ލަކުޑީންނެވެ. އަދި އެ އޮޑީގައި ތިން ރިޔާ ހުރެއެވެ. އެއީ އުތީމު ތިންބެއިން ކުރި ޖިހާދުގެ ހަނދާނުގައި ބަނދެފައިވާ އޮޑިއެކެވެ.