ހަބަރު

ރާއްޖޭގެ ފުރަތަމަ މެރިން ސިމްޕޯސިއަމް އޮކްޓޫބަރު 27 ގައި

ރާއްޖޭގައި އެކިދާއިރާތަކުން މެރިން ބައޮލޮޖިސްޓުން ކުރާ ދިރާސާތަކުގެ މައުލޫމާތު ހިއްސާކުރަން މެރިން ރިސާޗް ސެންޓަރުން މެރިން ސައިންސް ސިމްޕޯސިއަމެއް މި އަންނަ އޮކްޓޯބަރު މަހުގެ 27 ގައި ބާއްވަން ނިންމައިފި އެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ސިމްޕޯސިއަމް އެވެ.

މެރިން ރިސާޗް ސެންޓަރުން ބުނީ މި ސިމްޕޯސިއަމަކީ ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާއިން ކުރެވޭ ދިރާސާތައް ހުށައެޅި އެކަންކަމާއި ބެހޭގޮތުން ހިޔާލު ބަދަލުކުރެވޭނެ ފުރުސަތެއް ފޯރުކޮށްދޭނެ ފުރުސަތެއް ކަމަށެވެ. އެގޮތުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާ ކޮށް އަދި މިކަމުގެ ސަބަބުން ގުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރުމާއި ދެމެހެއްޓެނި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މި ސިމްޕޯސިއަމްގައި ހުށަހެޅޭ ހުށަހެޅުންތައް ދާއިރާތަކަކަށް ބަހާލެވޭނެ ކަމަށާއި އެ ދާއިރާތަކަކީ މެރިން ބަޔޯޑައިވާސިޓީ، މޫސުމަށް އަންނަ ބަދަލުތައް، ކަނޑުތައް ހިމާޔަތް ކުރުން، ކަނޑުގެ ވަސީލާތްތައް ހެޔޮގޮތުގައި ބޭނުންކުރުން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރެވިފައިހުރި ދިރާސާ ތަކާބެހޭ މަޢުލޫމާތާއި އަދި މިފަދަ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރައްވާ މި ދާއިރާގެ ފަންނީ މީހުން އެއްތަނަކަށް އެއްވެ މަޢުލޫމާތު ހިއްސާ ކުރުން ކަމަށާއި ރާއްޖޭގައި މިފަދަ ދިރާސާކުރާ ސަރުކާރުގެ ފަރާތްތަކާއި، އެންޖީއޯތަކާއި އަދި އަމިއްލައަށް މިފަދަ ދިރާސާކުރާ ހުރިހާ ފަރާތްތަކަށް މި ސިމްޕޯސިއަމްގައި ބައިވެރިވެ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު މެރިން ރިސާރޗް ސެންޓަރުން މިހާރު ވަނީ ހުޅުވާލާފައެވެ.