މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް ދެވަަނަ ސީޒަންގެ މެއިން ސްޕޮންސަރަކަށް އެލައިޑް

ޕީއެސްއެމުން ބްރޮޑްކާސްޓްކުރާ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ މެއިން ސްޕޮންސަރަކަށް ރާއްޖޭގެ އެންމެ ބޮޑު އިންޝޫރެންސް ކުންފުނި އެލައިޑް އިންޝޫރެންސް ހަމަޖައްސައިފި އެވެ. އެލައިޑް އަކީ މޯލްޑިވިއަން އައިޑޯލްގެ ފުރަތަމަ ސީޒަންގެ ވެސް މެއިން ސްޕޮންސަރެވެ.

މޯލްޑިވިއަން އައިޑޮލް ވެގެން ގޮސްފައިވަނީ މި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ތަރުހީބާއި ފާޑުކިޔުންތައްވެސް އަމާޒުވި ޝޯއެވެ. މޯލްޑިވިއަން އައިޑޮލް އަކީ ދުނިޔޭގެ 150 ގައުމަކުން މިހާރުވެސް ކުރިއަށްގެންދާ ބައިނަލް އަގުވާމީ ފެންވަރުގެ މިއުޒިކްޝޯއެކެވެ. މިއަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާ އެ ޝޯ ޓީވީން ދައްކަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަމީލެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ހަލީލެވެ.

މޯލްޑިވިއަން އައިޑޮލް ދޭއްގެ މައި ސްޕޮންސަރަކަށް އެލައިޑް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ހަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑޮލް އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރުމަށް ނިންމުމުން، އެ ޝޯއަކީ ރާއްޖެއަށް މުޅިން އާ ޝޯއަކަށް ވެފައި، ބައިނަލް އަގުވާމީ ފެންވަރުގައި ބާއްވާ އެވަރުގެ ޝޯއެއް ރާއްޖޭގައި ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވިދާނެތޯ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިގެންދިޔަ ކަމަށެވެ. އޭގެ ސަބަބުން ސްޕޮންސަރުން ލިބުމުގެ ކަންކަން ވެސް ވަރަށް ލަސްވެގެން ދިޔަ ކަމަށެވެ.

ނަމަވެސް އައިޑޮލްގެ ފުރަތަމަ ސީޒަންގެ ކާމިޔާބީ އާއެކު ވަރަށް ގިނަ ބައެއްގެ ސަމާލުކަން ޝޯއަށް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށް ހަލީލް ވަނީ އެހާ އަވަސް މުއްދަތެއްގެ ތެރޭގައި މެއިން ސްޕޮންސަރަކަށް އެލައިޑް ކުރިމަތިލުމުން އެކަމަށް މަރުހަބާ ދަންނަވާފަ އެވެ.

އެލައިޑްގެ އެމްޑީ އަމީލް ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން އެކުންފުނިން މޯލްޑިވިއަން އައިޑޮލްއަށް ކުރަމުން އައި އިތުބާރު އަދިވެސް އެގޮތުގައި އެބައޮތް ކަމަށެވެ. އައިޑޮލް ދޭއްގެ މެއިން ސްޕޮންސަރަކަށް ވާން ބޭނުންވީ އެ ސަބަބާ ހެދި ކަމަށާއި މުޖުތަމައާއި ފަރުދުންނަށް ފައިދާ ކުރަނިވި އެފަދަ ޝޯތަކަށް އެކުންފުނިން އަބަދުވެސް ތަރުހީބު ދޭނެ ކަމަށެވެ.

"މިފަދަ ޝޯތަކަށް އަޅުގަނޑުމެންގެ ފުރިހަމަ ސަޕޯޓް ޕީއެސްއެމާއި އެހެނިހެން މީޑިއާ ތަކަށްވެސް ލިބޭނެކަން އަޅުގަނޑު ފާހަގަކޮށްލަން،" އަމީލް ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް ފަށަން ޕީއެސްއެމުން ތައްޔާރުވަމުންދާއިރު ސީޒަން ދޭއް ވާނީ ކުރީގެ ޝޯއާ އަޅާބަލާއިރު ހުރިހާ ގޮތަކުން "ކޮލިޓީ" ޝޯއަކަށް ވާނެކަމަށް ހަލީލް ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސަރަކަށް އެލައިޑް ހަމަޖައްސާފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެ ޝޯގެ ޓައިޓްލް ސްޕޮންސަރަކަށް ނިމިދިޔަ ސީޒަންގައި ވެސް ޓައިޓަލް ސްޕޮންސާ ދިރާގަށް ވަނީ ދީފަ އެވެ.