ފެން ބޮޑުވުން

ލަންކާއަށް ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ޔާމީން ހަމްދަރުދީ ފޮނުއްވައިފި

May 18, 2016

ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ސަބަބުން، ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، ސްރީލަންކާގެ އެތައް ހާސް ބައެއްގެ މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނައަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ރައީސަށާއި، ސަރުކާރަށާއި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި، މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވާނެކަމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.