ފެން ބޮޑުވުން

ހާލުގައި ޖެހުނު ލަންކާ ރައްޔިތުންނަށް ދިވެހި ސަރުކާރުން މާލީ އެހީ ދެނީ

  • ފައިސާގެ އެހީ ދެއްވުމަށް ސައީދު ލަންކާއަށް
  • ލަންކާގެ ގިނަ އަދަދެއްގެ ރައްޔިތުން ހާލުގައި ޖެހިފައި
  • ދެއްވާ ފައިސާގެ އަދަދު ހާމައެއް ނުކުރޭ

މިހާރު އަވަށްޓެރި ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިވާ އެ ގައުމުގެ ރައްޔިތުންނަށް ފައިސާގެ އެހީއެއް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، މިއަދު ސްރިލަންކާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރުގެ މިދަތުރަކީ، މިހާރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ފައިސާގެ އެހީއެއް ވެދެއްވުމަށްޓަކައި ކުރައްވާ ދަތުރެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ސަރުކާރުން ލަންކާއަށް ދޭން ނިންމާފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރާގައި އެ ގައުމުގައި ދިރިއުޅޭ އެއްވެސް ދިވެއްސަކަށް ގެއްލުންނުވާ ކަމަށް ހައިކޮމިޝަނުން ބުނެފައިވެ އެވެ. މި ވިއްސާރާގެ ސަބަބުން ލަންކާގެ ބައި މިލިއަނެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.