ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ ވަކީލުންނަށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިންޒާރެއް ދެއްވައިފި އެވެ. ގާޒީ ވަނީ ވަކީލުން މައްސަލައިން ސަސްޕެންޑް ކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ގާޒީ އިބްރާހިމް އަލީ ބައްލަވަނީ، ޒިޔަތާއި ހާމިދު އަދި އަދީބު ގުޅިގެން ހިންގަވާފައިވާ ކަމަށް ބުނާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެކެވެ. މި މައްސަލާގައި މިއަދު ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކުރަން ޖެހިފަ އެވެ. އަޑުއެހުން ކެންސަލްކުރަން ޖެހުނީ ޒިޔަތު ވަކީލް ހާޒިރުވެ ވަޑައިނުގެންނެވުމުންނެވެ. ހާޒިރު ނުވެވުނީ ބަލިވެ އުޅުއްވާތީ ކަމަށް ވަކީލް އަންގާފައިވެ އެވެ.
މިއަދު އޮތީ ދައުލަތާއި ތިން ބޭފުޅުންގެ ފަރާތުން ވެސް ހެކި ހުށަހެޅުމެވެ. ނަމަވެސް ހެކިން ހުށަހަޅަން ޖެހެނީ ހުރިހާ ފަރާތްތަކުން ވެސް އެއް ދުވަހެއްގަިއ ކަމުގައި ވާތީ، ޒިޔަތު ވަކީލް ހާޒިރުވެފައި ނެތުމުން ގާޒީ ނިންމެވީ ހެކި ހުށަހެޅުމަށް އަންނަ ހަފުތާގެ ދުވަހެއްގައި އަޑުއެހުމެއް ބާއްވާށެވެ. ގާޒީ ވަނީ މައްސަލަ ދިގު ލައިގެންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ބަލިވުމަކީ ބަލައިގަނެވޭނެ އުޒުރެއް ކަމަށާއި ނަމަވެސް މައްސަލަ ދިގު ލައިގެންދާތީ މައްސަލަ އިތުރަށް ލަސްވާނެ ގޮތަށް ވަކީލުން އަމަލުނުކުރުމަށް އަންގާ ކަމަށެވެ. މައްސަލަ ތާވަލްކުރުމުގެ ހަތަރު ދުވަސްކުރިން އެކަން ވަކީލުން އަންގަމުންދާ ކަމަށާއި އެހެންކަމުން އަޑުއެހުންތަކަށް ވަކީލުން ވެސް ފަރުވާތެރިވުމަށް ގާޒީ އިލްތިމާސްކުރެއްވި އެވެ. ގާޒީ ވިދާޅުވީ އަންނަ އަޑުއެހުމުގައި ވަކީލުން ހާޒިރުވި ނަމަވެސް ނުވަތަ ނޫން ނަމަވެސް ހެކި ހުށަހެޅުން އޮންނާނެ ކަމަށެވެ. އިތުރު ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.
މައްސަލަ ނުހިންގޭ ގޮތަށް އަމަލުކުރާ ވަކީލުން މައްސަލައިން ސަސްޕެންޑްކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. ހެކި ހުށަހެޅުމުގެ އަޑުއެހުމަށް ހާޒިރުނުވާ ވަކީލުން މައްސަލައިން ސަސްޕެންޑްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.