އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ 1-1އިން އެއްވަރުވި މެޗުގައި އިދިކޮޅު ޓީމުގެ މަސައްކަތުގެ ރޭޓް މާރަނގަޅު ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ތިން ވަނަ މިނިޓްގައި ޖެހީ ޓީސީ އަލީ ފާސިރު (ސެންޓޭ) އެވެ. އެއީ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މުހައްމަދު އަލީ ޔޫސުފް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ. މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޔުނައިޓެޑް ވިކްޓަރީ އެއްވަރު ކުރީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިދިޔަ އަހަރު ޓީސީ އަށް ކުޅުނު ބްރެޒިލް މިޑްފީލްޑަރު ރަފޭލް ބެޓިމް މާޓެވެ. ޕެނަލްޓީ ލިބުނު ޓީސީގެ ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތުން ޖެހުމުން ކަމަށެވެ.
މެޗަށް ފަހު ނިޒާމްބެ ބުނީ މޮޅުނުވި ނަމަވެސް މެޗާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"ކުރަން ބޭނުންވާ ހުރިހާ ކަމެއް ކޮންމެދުވަހަކުވާ ކަމަށްވަންޏާ ދެން ކުރާނެ ކަމެއް ނޯންނާނެ. މިއަދަކީ ޓީސީ އަށް ގޯސް ދުވަހެއްނޫން. އެކަމަކު ޔުނައިޓެޑް ވިކްޓަރީގެ ވޯކް ރޭޓް ވަރަށް ހައި. ދެން ވިއްސާރައާއި ހުރިހާ ކަމަކާ ހުރެ ބޭންވި ގޮތަށް ބޯޅަ ރޯލްކޮށްގެން ނުކުޅެވުނު. ޔުނައިޓެޑް ވިކްޓަރީ ކުޅުނީ ލޯންގްބޯލް. އޭގެ އެޑްވާންޓޭޖް ވިއްސާރަވީމަ އެމީހުންނަށް ބޮޑު. ޓީސީ ކުޅުނީ ބޯޅަ ތިރިކޮށްގެން،" މިދިޔަ އަހަރުގެ ލީގުގެ ދެ ވަނަ ހޯދި ޓީމުގެ ކޯޗު ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް މި މެޗުގައި ބެންޗުގައި ނެތެވެ. އެއީ އޭނާގެ ބައްޕަ ބަލިވެގެން ލަންކާ އަށް ގޮސްފައިވާތީ އެވެ. މެޗަށް ފަހު މެނޭޖަރު އަބުދުއްލަތީފް ބުނީ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށާއި ކުރިއަށްހުރި މެޗުތަކުގައި މިއަށްވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
މި މެޗު އެއްްވަރުވުމުން ޓީސީ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓާއެކު ތިން ވަނަ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. މި ދެ ޓީމުގެ މެދުގައި ހަތަރު ޕޮއިންޓާއެކު ހަތަރުވަނާގައި އޮތީ ވެލެންސިއާ އެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެއްވަނާގައިވަނީ މާޒިޔާ އެވެ. ދެ ވަނާގައިވަނީ ރޭ ވިކްޓަރީ އަތުން 3-0އިން މޮޅުވި އީގަލްސް އެވެ.
ލީގުގައި މިރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ބީޖީ އެވެ.