ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ އިނގިރޭސިވިލާތުގެ ލިވަޕޫލް އާއި ސްޕޭނުގެ ސްވިއްޔާ މިރޭ ކުޅޭ މެޗަކީ ތާރީހީ މެޗެކެވެ. ސްވިޒަލޭންޑްގެ އެފްސީ ބަސެލްގެ ދަނޑުގައި މި ދެ ޓީމު މިރޭ ނުކުންނައިރު މި ތައްޓަކީ ދެ ޓީމުން ވެސް ނުހަނު ބޭނުންވެފައިވާ ތައްޓެކެވެ. ލިވަޕޫލް ތައްޓަށް ހަނގުރާމަ ކުރަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށެވެ. ސްޕޭނުގެ ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވާތީވެ ސެވިއްޔާ އަށް ވެސް ޗެމްޕިއަންސް ލީގަށް ދެވޭނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. އަނެއްކޮޅުން ފާއިތުވެދިޔަ ދެ އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް ސެވިއްޔާ އެވެ. މިހެންވެ ހެޓްރިކް ހަދައިގެން ތާރީހުގެ ތެރެއަށް ވަނުމަށް އެޓީމު އޮތީ ކެތްމަދުވެފަ އެވެ.
ސެވިއްޔާގެ އެޓޭކް ވަރުގަދަ:
ސެވިއްޔާ އަކީ ތަރިން އުފެއްދި ޓީމެކެވެ. ސްޕޭނުގެ ބާސެލޯނާ އަށް ކުޅޭ އިވާން ކަރިޓިކް ޓީމާ ވަކިވީ މި ތަށި ކެޕްޓަނެއްގެ ގޮތުން އުފުލާލައިފަ އެވެ. ޑެވީ އަލްވެސް ވެސް ސްވިއްޔާގައި ކާމިޔާބު ހޯދި އެވެ. ހާއްސަކޮށް ސެވިއްޔާއަކީ މޮޅު ފޯވަޑުން ނެރެދޭ ޓީމެކެވެ. ބްރެޒިލްގެ ލުއިސް ފަބިއާނޯ އާއި ފެރްޑިކް ކަނޫޓޭ ފަދަ ކުޅުންތެރިންނަށް ފަހު މިދިޔަ ސީޒަނުގައި ތަށި ހޯދައިދިނީ ކާލޮސް ބައްކާ އެވެ. ކޮލަމްބިއާގެ ފޯވަޑް މިހާރު އޭސީ މިލާނަށް ދިއުމުން އެ ޖާގަ ފުރައިދެނީ ކެވިން ގަމެއިރޯ އެވެ. ފްރާންސްގެ މި ފޯވަޑް ވަނީ ޔޫރޮޕާ ލީގުގައި ސެވިއްޔާ މި ސީޒަނުގައި ޖެހި ލަނޑުތަކުގެ ދެބައިކުޅަ އެއްބައި ލަނޑު ޖަހައިދީފަ އެވެ. މީގެ އިތުރުން ކޯޗު އުނާއީ އެމްރޭގެ ޓީމުގެ މެދުތެރެ ވެސް ވަރުގަދަ އެވެ.
ކްލޮޕް ލިވަޕޫލް ބަދަލުކޮށްދީފި
މިރޭގެ މެޗަށް ލިވަޕޫލް ނުކުންނައިރު އެންމެ ބޮޑު ހިތްވަރަކީ ކޯޗު ޔާގެން ކްލޮޕް އެވެ. މީގެ އަށް މަސް ކުރިން ޓީމާ ހަވާލުވި ކޯޗުގެ މައިގަނޑު ޓާގެޓަކީ ވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގެވެ. އޭނާ އަކީ ޓީމުގެ އެންމެ ބޮޑު ސަޕޯޓަރު ވެސްމެ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަޕޯޓަރުންނާއި ކުޅުންތެރިންގެ ހިތް އޭނާ ވަނީ އަތުލައިފަ އެވެ. ލިވަޕޫލްގެ ރޫހު އާލާވީ އޭނާ ޓީމާ ހަވާލުވި ފަހުންނެވެ.
ސެވިއްޔާގެ ކުރި އާއި މެދުތެރެ އަށް ރައްދުދޭން ލިވަޕޫލް ވެސް ބޭނުން ކުރާނީ އެޓޭކިން ކުޅުންތެރިންގެ ހުނަރެވެ. ޕިލިޕް ކޫޓީނިއޯ އާއި ރޮބާޓޯ ފާމީނިއޯ އަދި ޑެނިއަލް ސްޓަރިޖް އަކީ ކޮންމެ ވަގުތެއްގައި ވެސް ނުރައްކާ ކުޅުންތެރިންނެވެ. މެދުތެރެއިން ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ނެތްތަން ފޫބައިދައްދެނީ ޖޭމްސް މިލްނާ އެވެ. ސެވިއްޔާ ފަދައިން ލިވަޕޫލްގެ ފަހަތް ބައްޔެވެ.
ކޯޗު ކްލޮޕް ބުނީ "މިއީ ކޮންމެ ޓީމަކުން ވެސް ބޭނުންވާ ތައްޓެއް ކަމަށާއި މި މުބާރާތުގައި ކުޅުމަކީ އެއްވެސް ޓީމަކަށް މައްސަލައަކަށް ނުވަނީ މުބާރާތުގެ ހާއްސަކަމުން،" ކަމަށެވެ.
ލިވަޕޫލް:
• މިއީ ލިވަޕޫލާއި ސެވިއްޔާ ކުޅޭ ފުރަތަމަ މެޗު
• ޔޫއޭފާ ކަޕާއި ސުޕަ ކަޕަށް ބަލާއިރު ސެވިއްޔާ ހަތަރު ފަހަރު، ލިވަޕޫލް ތިން ފަހަރު ވަނީ މޮޅުވެފައި
• މިއީ 2007ގެ ޗެމްޕިއަންސް ލީގު ފައިނަލްގައި އޭސީ މިލާން އަތުން ބަލިވި ފަހުން ލިވަޕޫލް ޔޫރަޕުގެ މުބާރާތެއްގެ ފައިނަލް ކުޅޭ ފުރަތަމަ ފަހަރު.
• މިއީ ލިވަޕޫލްގެ ޔޫރަޕުގެ މުބާރާތެއްގެ ފައިނަލްގައި ކުޅޭ 12 ވަނަ ފަހަރު. ޗެމްޕިއަންސް ލީގު ފައިނަލްގައި ހަތް ފަހަރު، ޔޫރޮޕާ ލީގު ފައިނަލްގައި ތިން ފަހަރު، އަދި ކަޕް ވިނާސް ކަޕް ފައިނަލްގައި ވަނީ އެއްފަހަރު ކުޅެފައި. މީގެ ތެރެއިން އަށް ފައިނަލް ލިވަޕޫލް ވަނީ ކާމިޔާބުކޮށްފައި.
• ސްޕޭނުގެ ޓީމަކާ ދެކޮޅަށް ފައިނަލްގައި ކުޅުނު ދެ ފަހަރު ވެސް ލިވަޕޫލް ތަށި ހޯދި. އެއީ 1981ގައި ރެއާލް މެޑްރިޑް ބަލިކުރުމާއި 2001ގައި ޔޫއޭފާ ކަޕް ކާމިޔާބު ކުރަން އަލަވޭޒް ބަލިކުރުން.
• ކްލޮޕްގެ އެންމެ ފަހުން ހަތަރު ފައިނަލުން ވެސް އޭނާގެ ޓީމު ވަނީ ބަލިވެފައި. އެއީ 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލާއި 2014 އަދި 2015ވަނަ އަހަރުގެ ޖަރުމަނު ކަޕް ފައިނަލާއި މި އަހަރުގެ ކެޕިޓަލް ވަން ކަޕް ފައިނަލް
ސެވިއްޔާ
• ސެވިއްޔާ އަކީ ޖެހިޖެހިގެން މި މުބާރާތުގެ ފައިނަލަށް ތިން ފަހަރު ދަތުރުކުރި ފުރަތަމަ ޓީމު
• މި މުބާރާތުގެ ފައިނަލުގައި އެންމެ ފަހުން ކުޅުނު 10 ފައިނަލުގެ ތެރެއިން ހަތަރު ފައިނަލް ސެވިއްޔާ ވަނީ ކާމިޔާބުކޮށްފައި.
• މި މުބާރާތުގައި އެންމެ ފަހުން ކުޅުނު 18 މެޗުގެ ތެރެއިން ސެވިއްޔާ ވަނީ 13 މެޗުން މޮޅުވެފައި
ޔޫރޮޕާ ލީގު ކާމިޔާބު ކުރި ކުޅުންތެރިން:
ބްރެޒިލްގެ ރޮނާލްޑޯ އާއި އިޓަލީގެ ކީޕަރު ޖިއާން ލުއިޖީ ބުފަން އާއި ކުރީގެ ފޯވަޑް ރޮބާޓޯ ބާޖިއޯ އާއި އުރުގުއޭގެ ޑިއެގޯ ފޯލާން އާއި މެކްސިކޯގެ ހޫގޯ ސަންޗޭޒް އާއި ލިވަޕޫލާއި އިނގިރޭސި ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑާއި ޖަރުމަނުގެ ލޮތާ މަތެއަސް އާއި އާޖެންޓީނާގެ ސާޖިއޯ އަގުއެރޯ އަކީ މި ތަށި ހޯދި މަޝްހޫރު ބައެއް ކުޅުންތެރިންނެވެ.