"އަހަންނަށް ހޭލެވުނީ ނިކަން ވަރުގަދަ އަޑުފަތްގަނޑަކަށް. އެންމެ ފުރަތަމަ ހީވީ، މަތިންދާ ބޯޓެއް އަވަށް ވެއްޓުނީ ކަމަށް،" ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހިނގި ބިންގަނޑުކަނޑައިގެން ދިއުމުގެ ބިރުވެރި ހާދިސާގެ މަންޒަރު ދުށް މީހަކު އެސޯސިއޭޓް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
"ދޮރު ހުޅުވާލާފައި ގެއިން ނުކުތްއިރު ލޯ މައްޗަށް ސިފަވި މަންޒަރު ގަބޫލުކުރަން ވެސް ނުކެރުނު. ދެން ފެނުނީ ފަރުބަދައިގެ މަތިން ބިންގަނޑެއް ކަނޑައިގެން އަވަށާ ދިމާލަށް އަލިފާން ބޯޅައެއްގެ ސިފައިގެން އެނބުރެމުން އަންނަ މަންޒަރު."
މިއީ ބޯކޮށް ވާރޭވެރި، ބިންގަނޑުކަނޑައިގެން ދިއުމުގެ ސަބަބުން އަވަށްތައް ވަޅުލެވިފައިވާ ލަންކާގެ، ކެގައްލޭ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ އެކެއްގެ ބިރުވެރިކަމާއި ވާހަކަ އެވެ. މި ގުދުރަތީ މުސީބާތުގެ އަސަރު ފަސް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު 350،000 މީހުން ވަނީ ގެދޮރުނެތި ހާލުގައި ޖެހިފަ އެވެ.
ސްރީ ލަންކާގެ ރެޑް ކްރޮސް އިން ލަފާކުރާ ގޮތުން ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާގައި ކިސަނޑުން އަވައްތައް ފޮރުވި ވަޅުލެވިގެން ގޮސްދައިވާއިރު 200 އަށް ވުރެ ގިނަ އާއިލާ އަވަށްތަކާ އެކު ވަޅުލެވި ގެއްލިފައިވެ އެވެ. މަރުވި މީހުންގެ ރަސްމީ އަދަދު 37 އަށް އަރާއިރު ހާލުގައިޖެހިފައިވާ ކެގައްލޭ ޑިސްޓްރިކްޓްގެ ތިން އަވަށަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ނިކަން ހަލުވިކަމާ އެކު ކުރިއަށެވެ.
މިހާތަނަށް އަދި ހޯދިފައި ވަނީ އެންމެ 16 މީހެއްގެ ހަށިގަނޑެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ގިނަ އަދަދެއްގެ ސިފައިން ނެރެފައިވާ ކަމަށެވެ.
ކެގައްލާ ޑިސްޓްރިކްޓްގައި ބިންގަނޑުކަނޑައިގެން ގޮސް ތިން އަވަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ލަންކާ އަށް އަދިވެސް މޫސުމް ވަރަށް ގޯހެވެ. ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
މި ވިއްސާރައިގެ އަސަރު އެގައުމުގެ 22 ޑިސްޓްރިކްޓަކަށް ކުރަމުން އަންނައިރު ދުވާލެއްގެ މައްޗަށް 220 މިލިމީޓަރުގެ ވާރޭ ވެހޭ ކަމަށް ރިކޯޑްކުރެވިފައިވެ އެވެ.
ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު މޫސުމަށް ބަލައިގެން އުޅުމުގެ އިންޒާރުތައް ވެސް ވަނީ ނެރެފަ އެވެ. ވަކިން ހާއްސަކޮށް މަސްވެރިންނާއި ކަނޑުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށެވެ.
ލަންކާ އަށް ބޯކޮށް ވާރޭ ވެހި ނުރައްކާތެރި ހާލަތަށް އެ ގައުމު ވެއްޓިފައިވާއިރު އިންޑިއާގެ ދެކުނު ބިތަށް ވެސް މި ވިއްސާރައިގެ އަސަރު ގަދަ އެވެ. އެގޮތުން ޗެންނާއީ އާއި ޓަމިލް ނާޑޫ އަދި ޕޮންޑިޗެރީ އަށް މޫސުމް ވަރަށް ގޯހެވެ.
ޗެންނާއީގައި ވަރަށް ފަހުން ވެސް ފެންބޮޑުވެ 280 މީހަކު މަރުވެފައިވެ އެވެ.