ފެން ބޮޑުވުން

ވިއްސާރާގައި ލަންކާއިން މަރުވި މީހުންގެ އަދަދު 73 އަށް

މިދިޔަ ހަފުތާ ތެރޭ ސްރީ ލަންކާއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު 73 އަށް އަރައިފި އެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތެރިވާ ސަލާމަތީ ބާރުތަކުން އަދިވެސް ދަނީ އެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުންނެވެ.

ވެރިރަށް ކޮލަމްބޯގައި މީހުން ދިރިއުޅޭ އެތައްހާސް ގެއެއް އަދިވެސް ފެނު އަޑީގަ އެވެ. އެހެން ނަމަވެސް ފެން ގަނޑު ހިނދެމުން އަންނަކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވަގުތީ ހިޔާތަކުގައި މިހާރުވެސް 243،000 މީހުން ދިރިއުޅެމުންދެ އެވެ. އެންމެ ގިނަ ގެ ހަލާކުވެ އެންމެ ގިނަ މީހުން ހާލުގައި ޖެހިފަނީ ކޭގޯލް ޑިސްޓްރިކްޓުން ކަމަށްވެ އެވެ. އެ ޑިސްޓްރިކްޓްގެ ތިން އަވަށެއް ވަނީ ބިން ގަނޑު ކަނޑައިގެން ގޮސް އެކީގައިހެން ވަޅުލެވިފަ އެވެ.

ލަންކާއަށް ކުރި ވިއްސާރައިގައި 200 އަށްވުރެ ގިނަ އާއިލާވަނީ ގެއްލިފަ އެވެ.
.