އަންހެނުން

ގަހާ ސަލީމާ އަވަހާރަވެއްޖެ

May 19, 2016
5

ރާއްޖެގެ ގައުމީ ހަޔާތުގައި ބޮޑެތި ހިދުމަތްތެކެއް ގިނަ ދުވަސަތަކެއް ވަންދެން ކުރެއްވެވި މ. ގަހާ، ސަލީމާ އަހްމަދު (ގަހާ ސަލީމާ) އަވަހާރަވެއްޖެ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 80 އެވެ.

ގަހާ ސަލީމާ އަވަހާރަވީ އާލާސްކަންފުޅަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އެވެ. އާއިލާގެ ފަރާތުން ބުނީ ސަލީމާ ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް މަހެއް ދުވަސް ވެއްޖެ އެވެ.

މަޝްހޫރު ގަހާ އަހުމަދު ސައީދުގެ މަންމާފުޅު ސަލީމާއަކީ މާފަންނުގެ ތަރައްގީއަށާއި މާލޭގެ ތަރައްގީ އަށް އަންހެނުންގެ ތަރައްގީއަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އަންހެން ބޭފުޅެކެވެ. މީގެ އިތުރުން ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި މަސައްކަތް ކުރައްވާ ސަރުކާރުގެ ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވާއިރު ސިޔާސީ ގޮތުންނާއި އިޖުތުމާއި ގޮތުން އަންހެނުން ކުރި އަރުވަން ސަލީމާ ވަނީ ވަރަށް ގިނަ މަސައްކަތް ކުރައްވާފަ އެވެ.

ސަލީމާ އަވަހާރަވި އިރު ހަތަރު ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުން އެބަތިއްބެވި އެވެ. ރާއްޖެގެ އިޖުތިމާއީ ހާލަތު ބަޔާންކޮށް ވަރަށް ގިނަ އަދަދެއްގެ ލިޔުންތައް "ހަވީރު" ނޫހަށާއި "އާފަތިސް" ނޫހަށާއި އެހެން ބައެއް މަޖައްލާތަކަށް ވެސް ލިޔުއްވެވި ސަލީމާއަކީ ރާއްޖޭގެ މަޝްހޫރު އެއް ނޫސްވެރިޔާ އަހުމަދު ޒާހިރު (ހިރިގާ) ގެ މައިދައިތަ އެވެ.