އައިޖީއެމްއެޗް

ފެން ބޮޑުވުމުން އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓާއި ބޮޑުތަކުރުފާނު މަގުގެ ގޭޓް ބޭނުން ކުރަން އެދެފި

ރޭ މާލެއަށް ބޯކޮށް ވާރޭވެހި އައޖީއެމްއެޗް ކައިރިން ބޮޑުވި ފެންގަނޑު އަދިވެސް ނުހިނދޭތީ އެ ހޮސްޕިޓަލަށް ވަނުމަށް ބޮޑުތަކުރުފާނު މަގާވީ ފަޅީގައި ހަދާފައިވާ ގޭޓް ބޭނުންކުރަން އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

އައިޖީއެމްއެޗް މައި ގޭޓް ކުރިމަތީގައި ފެންގަނޑު ބޮޑުވެ އެތަނަށް ވަދެ ނިކުތުމުގައި އާންމުންނަށް ދަތި ކުރިމަތިވަމުންދާތީ އެ ހޮސްޕިޓަލުން މިއަދު ވަނީ އާންމުކޮށް ވަނުން މަނާކޮށްފައި އޮންނަ އެ ހޮސްޕިޓަލުގެ އެމަޖެންސީ ގޭޓް ވެސް ހުޅުވާލާފަ އެވެ.

އަވަސް އަށް މައުލޫމާތުދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ޒީނަތު ހަބީބް ވިދާޅުވީ، ފެންގަނޑު މިހާރު ކުޑަކޮށް ހިނދިފައިވީ ނަމަވެސް އަދިވެސް މެއިން ގޭޓު ފަޅޫން ވަދެ ނިކުތުމުގައި ދަތި ކުރިމަތިވާނެތީ އެ ހޮސްޕިޓަލުގެ ހުޅަނގުފަރާތުން ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ ގޭޓް ބޭނުންކުރުމަށް އެދޭ ކަމަށެވެ. އެމަޖެންސީ ގޭޓް ހުޅުވާލާފައިވީ ނަމަވެސް އެގޭޓް ހުޅުވާލާފައިވަނީ ބޮޑަށް ބަލި މީހުންނަށް އަނެއް ގޭޓާއި ހަމަޔަށް ވަނުމަށް އުނދަގޫވެދާނެތީ ކަމަށް ޒީނަތު ވިދާޅުވި އެވެ.

"އެމަޖެންސީ ގޭޓް ހުޅުވާލީ އިން ކޭސް އޮޕްޝަން އެއްގެ ގޮތަށް. އެކަމަށް އަޅުގަނޑުމެން ބޮޑަށް އެދެނީ ބޭރުމަގު ފަޅިއަށް ވަޑައިގެންނެވޭ ބޭފުޅުން އެ ގޭޓް ބޭނުންކުރެއްވުމަށް. އެ ފަޅީގައި އެއްވެސް ވަރަކަށް ފެން ހެދިފައެއް ނޯންނާނެ. އެހެންވީމަ އެގޮތުންވެސް ފަސޭހަވާނެ،" ޒީނަތު ވިދާޅުވި އެވެ.

މާލެއަށް ރޭ ވެހުނު ވާރެއާ ގުޅިގެން އެންމެ ބޮޑަށް ފެންހެދިފައިވަނީ އާންމުކޮށް ފެން ބޮޑުވާ އަމީނީ މަގުގައްޔާއި އައިޖީއެމްއެޗް މަގުގަ އެވެ.