މިލައިދޫ އައިލެންޑް

ދިވެހިވަންތަ މިލައިދޫ ރިސޯޓް މިއަހަރު ހުޅުވަނީ

  • ރިސޯޓު ހުޅުވަނީ ނޮވެމްބަރު މަހު
  • ރަށް ކުޑަ، އެކަމަކު ހިތްގައިމު ރަށެއް
  • ރާއްޖޭގެ ރީތިކަން ފެންނާނެ ރިސޯޓެއް

ދިވެހި ވަންތަ ގިނަ ސިފަތައް ހިމަނައި ބ. މިލައިދޫގައި ތަރައްގީ ކުރަމުން ގެންދާ ލަގްޒަރީ ރިސޯޓް، އަންނަ ނޮވެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހު ހުޅުވާ މި ރިސޯޓު ހަދަމުންދަނީ ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުގަ އެވެ.

މި ރިސޯޓު ހަދާ މި ރަށަކީ ދިގު މިނުގައި 300 މީޓަރު އަދި ފުޅާ މިނުގައި 180 މީޓަރު ހުންނަ ކުޑަ ރަށެއްގަ އެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ ދިވެހި ފަރުމާކުރުންތެރިއެއް ކަމަށްވާ މުހައްމަދު ޝަފީގު އެވެ.

ރިސޯޓުގެ ގިނަ ތަންތަން ހަދާފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށެވެ. ރަށުގެ މޫދު ކޮޓަރިތައް ހަދާފައިވަނީ ދޯނިތަކެއްގެ ސިފަ ފެންނާނެ ގޮތަކަށެވެ.

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓަށް ތަރައްގީ ކުރާ މި ރިސޯޓުގައި ޖުމްލަ 50 ކޮޓަރި ހިމެނެ އެވެ. މީގެ ތެރޭގައި 30 މޫދު ކޮޓަރިއާއި 20 ބީޗް ވިލާ ހިމެނެ އެވެ.