އަންގާރަ ދުވަހުގެ ރޭ އަބޯކޫ ގާޖީ ނައިޖީރިއާގެ ސަމްބިސާ ޖަންގަލީ ކައިރީގައި އޭނާ ނިސްބަތްވާ އަސްކަރިއްޔާގެ ސަޕޯޓް އޮންނަ ވިޖިލާންޓޭ ޓާސްކް ފޯހުގެ އެހެން ހަނގުރާމަވެރިންނާއެކު ފޯރިމަރަމުން ދިޔައީ ހައްދު ފަހަނައަޅާފައިވާ ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަމަލާއެއް އަތުވެދާނެތީ އެވެ. އެއްގޮތަކަށް ވެސް މީގެ ދެ އަހަރު ކުރިން ބޯކޯ ހަރާމުން އެ ގައުމުގެ ޗީބޯކުން ރަހީނުކޮށް ވަގަށް ނަގާފައިވާ ކުދިންގެ ތެރޭގައި ހިމެނޭ އަމީނާ އަލީގެ ހަނދާނެއް އޭނާގެ ނެތެވެ.
އެ ރޭ ބޯކޯ ހަރާމުގެ ހަމަލާއެއް ނުވަތަ އިޝާރާތެއްގެ ބަދަލުގައި އެމީހުންނަށް ކުއްލިއަކަށް ފެނުނީ ގެއްލިފައިވާ އަމީނާ ޖަންގަލީގެ ތެރެއިން ނުކުމެ އެހީއަށް އެދި ގޮވަން ފެށި ތަނެވެ. އަދި އެއީ ރަހީނު ކުރި 200 އަށްވުރެ ގިނަ އަންހެން ކުދިންގެ ތެރެއިން ނުފެނި ހުރި ކުއްޖެއްކަން އެމީހުންނަށް އެނގުނީ އަމީނަ އަމިއްލަ އަށް ތައާރަފްވެ އެހީއަށް އެދުމުންނެވެ.
ގެއްލުނު އިރު ސިއްހަތު ރަނގަޅުކޮށް ހުރި އާމިނަ ދެ އަހަރު ފަހުން ކުއްލިއަކަށް ފެނުނު އިރު ހުރީ ބަލިކަށިވެ އަނަރޫފަ ވެފައެވެ. ހައިރާންވި ކަމަކީ ކުއްލިއަކަށް ފާޅުވީ ހަމައެކަނި އަމީނާ އެއް ނޫނެވެ. އާމިނަ އާއެކު އޭނާގެ ފިރިމީހާ މުހައްމަދު ހަޔާތު އެ ދެމީހުންގެ ހަތަރު މަހުގެ ދަރިފުޅުވެސް އަމީނާ ގާތުގައި މިހާރު އެބަތިއްބެވެ.
" އެމީހުން ތިބީ ވަރަށް ހަޑިކޮށް. މީން ދުވަހަކު ފެންވަރާފަ ހުރި ފާޑެއް ވެސް ނުޖަހާ، ވަރަށް ހަޑިކޮށް ތިބީ،" ގާޖީ ބުނެފައިވެ އެވެ.
އަމީނަ ރަހީނުކޮށް ވަގަށް ނެގިއިރު އޭނައާއެކު 275 ވަރަކަށް ކުދިން ބޯކޯ ހަރާމުން ވަނީ ވަގަށް ނަގާފަ އެވެ. އެތަނުން 57 ކުދިން ވަނީ ފިލައިގެން އެނބުރި އައިސްފަ އެވެ. ބާކީ ތިބި ކުދިން އަދިވެސް ވަނީ ހޯދާ ނުފެނިފަ އެވެ. އެކުދިން ތެރެއިން ފެނުނު ފުރަތަމަ ކުއްޖަކީ އަމީނަ އެވެ.
އަމީނާ ވަގަށް ނެގިއިރު އޭނަ އަކީ 17 ވަރަކަށް އަހަރުގެ ސްކޫލް ދަރިވަރަކެވެ. މީހެއްގެ އަންބެއް ނޫނެވެ. އޭރު އޭނާގެ ދަރިއަކުވެސް ނެތެވެ. އަމީނާގެ ފިރިމީހާ ކަމަށް ބުނާ މުހައްމަދަކީ ވެސް ބޯކޯ ހަރާމުން ރަހީނު ކޮށްގެން ސަމްބިސާ ޖަންގައްޔަށް ގެންގޮސްފައިވާ ޒުވާނެއް ކަމަށްވެ އެވެ. އަދި އެ ދެމީހުން ކައިވެނި ކޮށްފައިވަނީ ވެސް ޖަންގަލީގައި ކަމަށްވެ އެވެ. އެހެން ނަމަވެސް އޭނާ އަކީ ބޯކޯ ހަރާމުގެ ހަނގުރާމަވެރިއެއް ކަމަށް ޝައްކުކޮށް ނައިޖީރިއާ ސިފައިން މިހާރުވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
ބުދަ ދުވަހު އަމީނާ އާއި އޭނާގެ ހަތަރު މަހުގެ ތުއްތު ދަރިފުޅު ވަނީ ނައިޖީރިއާގެ އެއާ ފޯސް މެދުވެރިކޮށް ބޯނޯ ސްޓޭޓުގެ ވެރިރަށް މައިޑުގުރީ އަށް ގެންގޮސްފަ އެވެ. އަދި މިހާރު އަމީނަ ވަނީ އޭނާގެ އާއިލާ އާ ހަވާލުކޮށްފަ އެވެ.
ނައިޖީރިއާގެ ރައީސް ބުހާރީ ވަނީ މިއަދުގެ ވަގުތެއްގައި އަމީނާ އާ ބައްދަލުކުރަން ނިންމާފަ އެވެ. ރައީސް އާ ބައްދަލުކުރަން ދިއުމަށް އަމީނަ ވެސް މިހާރުވަނީ ނިންމާފަ އެވެ. ރައީސް ބުހާރީގެ ތަރުޖަމާ ވިދާޅުވީ އެ ބައްދަލުވުމަށް ފަހު މުޖްތަމައު އަށް އެނބުރި ރުޖޫއަވާން ޒުވާން އަންހެން ކުއްޖާ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.