ސުޕަސްޓާ ޝާހްރުކް ޚާން އާއެކު 2007 ވަނަ އަހަރު ނިކުތް "ރަބްނޭ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާ އަނުޝްކާ ޝަރްމާ ވަނީ ވޯޖް ނޫސް މަޖައްލާގެ އެންމެފަހުގެ އެޑިޝަން އަށް ދިން އިންޓަވިއުގައި ވަނީ އޭނާގެ ބޮލީވުޑްގެ ދަތުރާއި ސޯޝަލް މީޑިއާގައި އޭނާއަށް ކިޔާ ފާޑުކިޔުންތަކާއި ކުރިއަށް ހުރި ފިލްމުތަކާއި ބެހޭގޮތުން ވާހަކަދައްކާފަ އެވެ.
މިމަޖައްލާއަށް ދިން އިންޓަވިއުގައި އަނުޝްކާ ވަނީ އޭނާގެ "ބޮމްބޭ ވެލްވެޓް" ގައި ކުޅުނު ޖޭޒް ލަވަކިޔުންތެރިޔާގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން ތުންފަތުގެ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް އެއްބަސްވެފަ އެވެ.
"ބޮމްބޭ ވެލްވެޓް" ގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން އަނުޝްކާ ލިޕް ސާޖަރީ ހެދުމުން އޭނާގެ ސިފަޔަށް ކޮންމެވެސް ބަދަލެއް އައިސްފައިވާއިރު، އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭރު ފާޑުކިޔުންތައް އަމާޒުވުމުން އަނުޝްކާ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް އެއްބަސްވާން އިންކާރުކޮށްފައިވާއިރު، އޭރު އޭނާ ވަނީ އެއީ އެރޯލަށް ތައްޔާރުވުމުގެ ގޮތުން ވަގުތީ ގޮތުން ޖަހަމުން އަންނަ އިންޖެކްޝަނެއްގެ ސަބަބުން ތުންފަތަށް ބަދަލު އައީ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެކަމަށް އެއްބަސްވަމުން އަނުޝްކާ ވަނީ އެކަމާ ގުޅިގެން ކިތަންމެ ފާޑެއްކިޔަސް އެކަން ބަލައިގެން ގަންނަނީ ރަނގަޅު ގޮތުގައި ކަމަށް ބުނެފަ އެވެ. އަދި ޕްލާސްޓިކް ސާޖަރީ ހެދިކަން ސިއްރުކުރަން އޭނާ މަސައްކަތެއް ނުކުރާ ކަމަށާއި ސަބަބަކީ އޭނާ އެކަން ކުރީ އެވަގުތު ކުޅުނު ފިލްމުގެ އެރޯލަށް އެއީ ބޭނުން ކަމަކަށް ވުމުން ކަމަށް ބުނެފަ އެވެ.
އަނުޝްކާ އިތުރަށް ވަނީ އޭނާ ކުރިކަމެއް ފޮރުވަން ދޮގު ނަހަދާނެ ކަމަށާއި ނުވަތަ އެކަން ފޮރުވަން މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެކަން އޭނާ ކުރީ އޭނާ އަށް ފެނިގެން ކަމަށާއި އެކަން ފިލްމުގެ ބޮލަށް ޖެހުމުގެ ބަދަލުގައި ޒިންމާ އަމިއްލަ ނަގާނެ ކަމަށެވެ.
އިތުރަށް އަނުޝްކާ ވަނީ އޭނާ އަކީ ވެސް އިންސާނެއް ކަމަށާއި އަދި ކޮންމެ މީހަކީ އެންމެ ފުރިހަމަ މީހަކަށް ވާނެ މީހެއް ނޫން ކަމަށް ބުނެފަ އެވެ.
ދެން އެންމެ އަވަހަށް އަނުޝްކާ ފެނިގެންދާނީ ސަލްމާން ޚާން އާއެކު "ސުލްތާން" އިންނެވެ. މިފިލްމު ކުޑަ އީދުގައި ރިލީޒްކުރާނެ އެވެ.