އަވަސް ވީކެންޑް

އެންމެ ކަމުދިޔަ އިންޓަވިއު އަދި ކަވާ ފޮޓޯ އަކީ ކޮބާ؟

މީރާ މުހައްމަދު އާއި ޔާމިން ރަޝީދުގެ ލޯބީގެ ސިލްސިލާ އަކީ ދިވެހިންގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެންމެ އަގުބޮޑު އަދި އެންމެ ނުފޫޒުގަދަ އުފެއްދުމެވެ. އެވަރުގެ ލޯތްބެއް، އެ ވަރުގެ "ޕަވާ ކަޕްލްއެއް" ފަހުގެ ތާރީޚެއްގައި މި ރާއްޖެ ނުދެކެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަވަސް ވީކެންޑާ އެކު ވެސް ތަޖުރިބާކުރެވުނު ބާރަކީ މިއީ އެވެ.

މި ދެ މީހުން މިހާރު ފަހަރުގައި އެކުގައި ނޫޅެފާނެ އެވެ. އެކަކު އަނެކަކު ދެކެ ލޯބި ނުވެދާނެ އެވެ. ދެ މީހުންގެ ވާހަކަ ދައްކަން ޝައުގުވެރި ވެސް ނުވެދާނެ އެވެ. އެހެން ނަމަވެސް މުނިފޫހިފިލުވުމުގެ ދާއިރާ އިން ނެގެން އޮތް އެންމެ މަޝްހޫރު ނުވަތަ އެންމެ މަގްބޫލު ދެ ނަމަކީ މިއީ އެވެ.

މީރާ އަކީ "އަވަސް ވީކެންޑް އިންޓަވިއު" ވައިގައި ހިފުވައިލި މަޝްހޫރު މޫނެވެ. އަދި ޔާމިން އަކީ މި ސިލްސިލާއެއް އޭގެ އަސްލު ދަރަޖަ އަށް ނުވަތަ ޝަރަފަށް އަނބުރާ ގެންގޮސްދިން ސެލެބްރިޓީ އެވެ. ހުރިހާ ވެސް ޝުކުރެއް، ކުރީގެ މި ދެ ލޯބިވެރިންނަށެވެ.

އަވަސް ވީކެންޑް އިންޓަވިއު ފެށީ މީގެ ހަތަރު މަސް ކުރިން މަޝްހޫރު ފިލްމީ ތަރި، މުހައްމަދު ޖުމައްޔިލްއާ އެކުގަ އެވެ. އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ، މުނިފޫހިފިލުވުމުގެ ދާއިރާ އަދި ވަކިން ހާއްސަކޮށް ފަންނީ ތަފާތު އެކި މަސައްކަތްތަކާ ގުޅިފައިވާ ފަރާތްތަކުގެ މުޅިން ތަފާތު މޫނެއް ކިޔުންތެރިންނަށް ގެނެސްދިނުމެވެ. އެގޮތުން މިހާތަނަށް ވާނީ ވަރަށް ޝައުގުވެރިވަނިވި 18 މީހެއްގެ ވާހަކަ ގެނެސްދީފަ އެވެ.

އެކަމަކު މިއީ އެމީހުންގެ ތަފާތުކަމުގެ ވާހަކަ އަށް ހާއްސަ ލިޔުމެއް ނޫނެވެ. އެ ވާހަކަ އަހަރެމެންނަށް އަދި އެމީހުން ވެސް ކިޔައިދީފިއެއް ނޫން ހެއްޔެވެ؟ މިއީ މުޅިން އެހެން މަގުސަދެއް އޮތް ލިޔުމެކެވެ. މިއީ ރާއްޖޭގެ އެންމެ މަޝްހޫރު މޫނުތަކާ އެކު "އަވަސް ވީކެންޑް" ޓީމަށް މިހާތަނަށް ކުރެވުނު ތަޖުރިބާގެ ރިވިއުއެކެވެ. -- ނުވަތަ "އަވަސް ވީކެންޑް އިންޓަވިއު" ގެ ބްރޭކެކޭ ވެސް ބުނެވިދާނެ އެވެ.

ގާތްގަނޑަކަށް މި ސިލްސިލާ ދެ ބައިވީ އެވެ. ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން މިފަދަ ރިވިއުތަކެއް ގެނެސްދެމުންދާނަމެވެ. ސަބަބަކީ، ރާއްޖޭގައި ނެތް ޓްރެންޑެއް ނުވަތަ ޝައުގުވެރިކަމަކާއި އެ ޝައުގުވެރިކަމަކާ ގުޅިފައިވާ އެތައް ބައެއްގެ އަހުލާގާއި ހުނަރު ވެސް ޕްރޮމޯޓްކުރެވެމުންދާއިރު މިއިން އިބްރަތް ނުވަތަ ފިލާވަޅުތަކެއް ވެސް ހާސިލުކުރާ ބަޔަކަށް އަހަރެމެން ވާން ޖެހޭތީ އެވެ.

އެންމެ މަގްބޫލީ މީރާ!

މިކަމުގައި ޝައްކެއް ވެސް ނެތެވެ. ފަހަރެއްގައި މި ވަގުތު ރާއްޖޭގައި ހުރި އެންމެ މަގްބޫލު ނުވަތަ އެންމެ މަޝްހޫރު މޫނަކީ ވެސް އެއީ އެވެ. އެކަމަކު މިހާތަނަށް މި ސިލްސިލާގައި ގެނެސްދިން 18 އިންޓަވިއު އަށް ބަލާއިރު ހިޓްސްގެ ރޭޓުން އެންމެ ކުރީގައި އުޅެނީ މިދިޔަ ހަފުތާގައި ގެނެސްދިން ޔާމީނެވެ. ސްޓެޓިސްޓިކްސް އަށް ބަލާއިރު އޭނާ ވަނީ މި ސިލްސިލާގެ އެހެން ހުރިހާ ރިކޯޑްތަކެއް މުގުރާލައިފަ އެވެ.

އެކަމަކު އޭގެ ސިއްރު ފެކްޓާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ -- ހަމަ މީރާ އެވެ!

ހިޓްސް ރޭޓަށް ބަލާއިރު ޔާމީންގެ އިންޓަވިއު މީރާގެ އިންޓަވިއު އަށް ވުރެ ކުރި އަރައިގެން ދިޔަ ނަމަވެސް އޭގެ އެންމެ މުހިންމު ވެލިއުއަކީ މީރާކަން ފާހަގަކޮށްލެވެ. އަނެއްކޮޅުން މި ސިލްސިލާގައި ތިން ވަނަ އަށް އެންމެ މަގްބޫލު އިންޓަވިއުގެ ގޮތުގައި އޮތް، ބަތަލާ މަރިޔަމް އައްޒަގެ އިންޓަވިއު ވެސް މީރާގެ ވާހަކައާ ގުޅި ނިކަން ރަނގަޅަށް ފޮނިބޯލައިގެން އޮތްކަން ފާހަގަކޮށްލެވެ އެވެ.

މީރާ އާއި އައްޒަގެ ކުރީގެ ފިރިމީހާ، އިސްމާއިލް ޖުމައިހްގެ ލޯބީގެ ވާހަކަ އަކީ ވެސް މި ސިލްސިލާއެއްގެ މަގްބޫލު ކޮންޓެންޓްތަކަށް ބަލާއިރު ފާހަގަކޮށްލެވޭ ސުރުހީއެކެވެ.

މި ސިލްސިލާގެ އެންމެ މަގްބޫލު މޫނަކަށް މީރާ ވަނީ މިހުރިހައި ސަބަބުތަކަކާ ހެދި އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ މި ޓީމުން އަދި ވަކިން ހާއްސަކޮށް އަޅުގަނޑު ހީކުރީ އެންމެ ބޮޑު ރޯޅިއެއް ބިންދާލާނެ ސެލެބްރިޓީއަކަށް، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ނިމިގެން ދިޔަ މޯލްޑިވިއަން އައިޑޮލްގެ ޖަޖު، އަހުމަދު އިބްރާހިމް (އައްމަޑޭ) ވާނެ ކަމަށެވެ. އައްމަޑޭއާ އެކު އިންޓަނެޓް ފަޅާލާ ސުރުހީއެއް އެއަށް ދެވުނު މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެކަމަކު އެހެނެއް ނުވި އެވެ. ފަހަރުގައި އޭގެ ސުރުހީ މާ ބޮޑަށް ވެސް ގޯސްވީ އެވެ. އެއްގޮތަކަށް ވެސް އައްމަޑޭ ގޯހީކީއެއް ނޫނެވެ.

އެންމެ ރީތި ކަވަރަކީ ކޮބާ؟

އަމިއްލަ ހޮވުމަކުން ފަށާ ނަމަ އަޅުގަނޑުގެ ހޮވުމަކަށް ވާނީ، މަޝްހޫރު ރާޅާއެޅުންތެރިޔާ ކުޑަ އިއްސޭ އެވެ. ދެން އަނެއްކޮޅުން އަޅުގަނޑަކީ ފޮޓޯގްރެފީގެ އިލްމަށް އެހާ މޮޅު މީހަކަށް ނުވުމުން މާ ގަދަ އަށް ފާޑުކިޔަން ހަދައިފި ނަމަ އަޅުގަނޑުމެންގެ ލޮބުވެތިވި އަދި ހުނަރުންފުރިފައިވާ ފޮޓޯގްރާފަރު މިލްޒީރޯ ލަދުން ފިލައިފާނެ އެވެ. އޭރަށް މުޅި އަވަސް ވީކެންޑް އިންޓަވިއު ވެސް ފަނިވީ އެވެ.

އެހެންވީމަ އޭނާ އަށް އެންމެ ކަމުދިޔަ ކަވަރަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

އެއީ މަޝްހޫރު ޓީވީ ޕާސަނާލިޓީ މަރިޔަމް ވަހީދާ (މަރީ) އެވެ. ވަކިން ހާއްސަކޮށް ހުރިހާ އިންޓަވިއުތަކަށް ބަލާއިރު "އަވަސް ވީކެންޑް ޓީމް" ގެ ހޮވުމަކީ ވެސް މަރީގެ އިންޓަވިއު އެވެ. އަޅުގަނޑުގެ އަމިއްލަ ހޮވުމަކީ ޑީޖޭ އެންޖީ އެވެ. އެކަމަކު މި ދެ އިންޓަވިއު އަށް ބެލި ނަމަވެސް އޭގެ ތީމް ވަރަށް ވެސް އެއްގޮތެވެ. -- އަންހެނުންނާއި އެމީހުންގެ ބާރުވެރިކަމެވެ.

އާންމުންގެ ހިޔާލުތަކަށް ބަލާއިރު ޒުވާން ލަވަކިޔުންތެރިޔާ ބަތޫލްގެ ކަވަރަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލުވި ކަވަރެކެވެ. އަދި ތަޖުރިބާކާރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާގެ ހިތްގައިމުކަން ވެސް ވަކި ކުޑައެއް ނޫނެވެ. މަޝްހޫރު ފިލްމީ ބަތަލާ ފަރީލާގެ ޕޫލް ސައިޑް ކަވަރު ވެސް ވަރަށް ޗާލޫ ކަމަށް މީހުން ބުނެފައިވެ އެވެ.

އަވަސް ވީކެންޑް އިންޓަވިއު އަކީ ޗެލެންޖެއް!

އަދި ނިކަން ބޮޑު ރިސްކެއް ވެސްމެ އެވެ. އަނެއްކޮޅުން މިއީ ކޮންމެ ހަފުތާއަކު އަޅުގަނޑުމެންގެ ކޮމްޕެޓިޓާސްތަކަށް ދޭ ފިސާރި އިންޒާރެއް ވެސް މެ އެވެ. ސަބަބަކީ މިފަދަ ޕްރޮޖެކްޓެއް މި ފެންވަރުގައި ކުރިއަށް ގެންދިއުން އެއްވެސް ވަރަކަށް ފަސޭހަ ކަމަކަށް ނުވާތީ އެވެ. ބައެއް ނޫސްތަކުން މި ޓްރެންޑަށް ހިފަން މަސައްކަތްކޮށް ފެއިލްވެގެން ދިޔަ މަންޒަރު ވެސް ފެނުނެވެ.

ކޮންމެއަކަސް އަވަސް ވީކެންޑް އިންޓަވިއުގެ ގޮންޖެހުންތަކުގެ ވާހަކަ ދައްކާއިރު އެންމެ މަތިން މާކްސް ލިބޭ ފަރާތަކީ ފޮޓޯގްރާފަރު މިލްޒީރޯ އެވެ. އޭނާ ގަޑިޖެހުނު ދުވަހެއް ނުވަތަ ޕްރޮފެޝަނަލް އިމުން ބޭރުވި ދުވަހެއް މި ސިލްސިލާގެ ފޮޓޯޝޫޓެއްގައި މިހާތަނަކަށް ނެތެވެ. ހިފަހައްޓަމުން އަންނަ ކޮލިޓީ އާއި އެތިކްސް ލެވެލްތަކަށް އަދި މި ހުރިހާ ސިފަތަކަށް ބަލާއިރު އޭނާ އަކީ ރާއްޖެއިން މިފަދަ މަސައްކަތަށް ނެގޭނެ އެންމެ ގާބިލު ނުވަތަ އެންމެ ޕްރޮފެޝަނަލް ފޮޓޯގްރާފަރޭ ވެސް ބުނެވިދާނެ އެވެ.

މި ސިލްސިލާގެ އަނެއް ހާއްސަ ނަމަކީ ސްޓައިލިސްޓުންނެވެ. ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ. ފެޝަން ޑިޒައިނަރުންނާއި ސްޓައިލިސްޓުންނަކީ އާންމުކޮށް މި ރާއްޖޭގައި އެއްވެސް ވަރަކަށް އަގުކުރެވޭ ބައެއް ނޫނެވެ. ފޮޓޯގްރާފަރުންނާއި މޭކަޕް އާޓިސްޓުންނަށް ދެވޭ އިހްތިރާމާއި އަގު ވެސް ގިނަފަހަރު ނުލިބޭ ބަޔަކަށް ސްޓައިލިސްޓުން ނުވަތަ ފެޝަން ޑިޒައިނަރުންވާނެ އެވެ.

އަވަސް ވީކެންޑް އިންޓަވިއުގައި މަސައްކަތްކުރާ ދެ ތިން ސްޓައިލިސްޓުން ވެސް ފެޝަން ޑިޒައިނިންގެ ދާއިރާ އިން ކިޔަވައިގެން އައިސް މުޅިން އެހެން ދާއިރާތަކުގައި ރަސްމީ ވަޒީފާއަދާކުރާ ހަގީގީ ސަބަބަކީ ވެސް އެއީ އެވެ. މި ޕްރޮޖެކްޓްގައި މަސައްކަތްކުރި އެއް ސްޓައިލިސްޓަކީ ނޫރާ އެވެ. ދެ ވަނަ ހުނަރުވެރިއަކީ، ނޯނި އެވެ.

މިހާތަނަށް ގެނެސްދިން 18 އިންޓަވިއުގައި ހިމެނޭ ތަފާތު އެކި ލުކްސްތަކަށް ހިތްކިޔާ ނަމަ ތި ޝުކުރުގެ ވަރަށް ބޮޑު ބައެއް ހަދިޔާކުރަން ޖެހޭނީ ނޫރާ އާއި ނޯނިގެ ހުނަރުވެރިކަމަށެވެ.

މޭކަޕް އަދި ހެއާ އަށް ބަލާއިރު މިހާތަނަށް މި ޕްރޮޖެކްޓްގައި އެންމެ ގިނައިން މަސައްކަތްކޮށްފައި ވަނީ އެ ދާއިރާގައި އިތުރު ތައާރަފަކަށް ބޭނުން ނުވާ ޖަސްޓިންއެވެ. އޭގެ އިތުރުން އަމާނީ އާއި ޒައި އަދި ރިޒް ފަދަ ހުނަރުވެރިން މި ޓީމުގައި މަސައްކަތްކޮށްފައިވެ އެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ މި ފެންވަރުގެ ޓީމެއް މި ގޮތުގައި ގެންގުޅުމެވެ. އެކަމަކު އަދި މިއަށް ވުރެން ވެސް ބޮޑު ގޮންޖެހުމެއް އެބަައޮތެވެ.

ސެލެބްރިޓީން! ވޯޑްރޯބް! މޭކަޕް!

ކޮންމެ ކޮންމެ ސެލެބްރިޓީ އަކީ ބޭނުންވާހާ ގޮތަކަށް ހެދުން އަޅަން ނުވަތަ މޭކަޕްކުރަން އެއްބަސްވާ މީހުންނެއް ނޫނެވެ. އެކަމަކު މިލްޒީރޯ އާއި އޭނާގެ ސްޓައިލިސްޓުން އަދި މޭކަޕް އާޓިސްޓުން ވަނީ މި ސިލްސިލާގެ 18 އިންޓަވިއުގެ ތެރެއިން 17 އިންޓަވިއުގައި އެމީހުން ބޭނުންވި ސިފަ ނުވަތަ ލުކްސް އެ ސެލެބްރިޓީންނަށް ގެނެސްފަ އެވެ.

އަވަސް ވީކެންޑް ޓީމުން ބޭނުންވި ސީދާ ސްޓައިލަށް ނުގެނެސްދެވުނު އާޓިސްޓަކީ ރޮކް ލަވަކިޔުންތެރިޔާ އީމާން ތައުފީގެވެ. އީމާންސް ކޮންސްޕިރެސީގެ ލީޑް ވޯކަލިސްޓެވެ. އީމާން ބޭނުންވީ އޭނާގެ ގޮތުގައި ހުންނާށެވެ. އެންމެފަހުން އޭނާގެ އެ އާޓިސްޓް އެ އާޓިސްޓްގެ ގޮތުގައި ދޫކޮށްލީ އެވެ.

ސެލެބްރިޓީން ތަފާތު ގޮތަކަށް ދެއްކުމަކީ ހަގީގަތުގައި ވެސް އުނދަގޫ ކަމެކެވެ. ވަކިން ހާއްސަކޮށް ބޭނުންވާ މޭކަޕް ގެނައުމަށާއި ސްޓައިލްކުރަން ބޭނުންވާ ވޯޑްރޯބް ހޯދުމުގައި ދިމާވާ މައްސަލަ ވަރަށް ބޮޑު ގޮންޖެހުމަކަށްވެ އެވެ. ރާއްޖެ ކަހަލަ ސިޔާސީ ފޭރާމަށް ހެޔޮވަރުކޮށްލާފައި އޮންނަ މުޖުތަމައެއްގައި ފެޝަން ޕްރޮޖެކްޓެއް ރަންކުރަން އުޅެގެން ދިމާވާ ގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

ވޯޑްރޯބް ހޯދުމުގައި ކިތަންމެ އުނދަގޫތަކެއް ދިމާވި ނަމަވެސް، އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ ޕާޓްނަރުންގެ ނަންތައް ފާހަގަކޮށްލަން ޖެހެ އެވެ. އެއީ ރިވެންޖާއި ޗެޕްސް ރިޒާވްޑް އަދި ލޫސިޑް ޑްރީމްސް އެވެ.

އަވަސް ވީކެންޑްގެ ސްޓޫޑިއޯ ފޮޓޯތައް ޝޫޓްކޮށްފައި ވަނީ ޑިޖިޓަލް ސްޓޫޑިއޯ އާއި އާޓިފިޝީއޯގަ އެވެ.

ގަޑިޖެހުން ނުވަތަ ފޮޓޯޝޫޓް ކެންސަލްކޮށްލުން

މި ވާހަކައެއް ފެށީމަ ފޮޓޯގްރާފަރު މިލްޒީރޯގެ އިނގިލި އެންމެ ފުރަތަމަ ވެސް ދިމާވާނީ އަޅުގަނޑަށެވެ. އެކަމަކު އަޅުގަނޑުގެ މަސައްކަތް ފެށެނީ އިންޓަވިއުކުރަން ޖެހޭ ހިސާބުންނާ ހަމައިންނޭ ކިޔާފައި ކޮންމެ ފަހަރަކު ވެސް އޭނާ އަށް ފިލަނީ އެވެ.

ގަޑި ޖެހޭ މައްސަލަ އަށް ބަލާއިރު މި ސިލްސިލާގައި އަޅުގަނޑުމެންނާ އެކު މަސައްކަތްކުރި ވަރަށް މަޝްހޫރު މޫނުތައް ވެސް ގަޑި ޖެހި ގަޑިއިރުތަކަކަށް ފޮޓޯޝޫޓްތައް ލަސްވެ ނުވަތަ ދިގުދެމިގެން ގޮސްފައިވެސް އެބަހުއްޓެވެ. އެކަމަކު ގިނަ މީހުން އެމީހުންނަށް ދިން ގަޑިއަށް ގޮސް އަދި ވަރަށް ގިނަ ވަގުތު އަޅުގަނޑުމެންގެ ޓީމާ އެކު ހޭދަކޮށްފައިވާކަން އުފަލާއެކު ފާހަގަކޮށްލަން ޖެހެ އެވެ.

އެކަމަކު މި ސިލްސިލާ އިން ދަސްވި ނުވަތަ ދަސްކޮށްގެން އިބްރަތް ހާސިލުކުރަން ޖެހޭ ވަރުގެ ކަމެއް އޮތް ނަމަ އެ ކަމަކީ ކެންސަލްކުރަން ޖެހުނު ޝޫޓުތަކެވެ. ވަރަށް ގިނަ ޝޫޓްތަކެއް އެންމެ ފަހު މިނެޓްގައި އަޅުގަނޑުމެން މިހާތަނަށް ކެންސަލްކޮށްފައި ހުންނާނެވެ. ހަމަ މުޅިން ވެސް ސެލެބްރިޓީ ނުވަތަ ގެސްޓަކަށް އަރަން އެއްބަސްވާ ފަރާތުން ފަހު ވަގުތު ހިޔާލު ބަދަލުކޮށްލުމުނެވެ.

ކޮމިޓްމަންޓެއް ދީފައި އެއާ އެއްގޮތަށް އަމަލުނުކުރުމުގެ މައްސަލަ އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އޮތް ބޮޑު މައްސަލައެއްކަން އެންމެނަށް ވެސް އެނގެ އެވެ.