އެމްޓީޑީސީ

600 އެނދާއެކު އެމްޓީޑީސީގެ ނާގޯށި ހުޅުވުން އަންނަ އަހަރު

May 20, 2016
3

ރިސޯޓް ތަރައްގީ ކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދީފައިވާ ހދ. ނާގޯށި، 600 އެނދާއެކު ތަރައްގީކޮށް އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނެފި އެވެ.

ސަރުކާރުން ޓޫރިޒަމް ފައްކާކުރުމަށް އުފެއްދި ކުންފުނިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އާއްމުކުރި ފައިނޭންޝަލް ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 5، 2007 ގައި ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރުން ކުއްޔަށް ދީފައިވާ ނާގޯށީގައި ތްރީކޭ އިންޓަނޭޝަނަލް ކުންފުނިން ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓުގެ ކޮންސްޓްރަކްޝަންގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. މިގޮތުން ރިސޯޓުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމާލާފަ އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ތްރީކޭ އިންޓަނޭޝަލްއިން ތަރައްގީ ކުރާ ފަސްތަރީގެ މި ރިސޯޓުގެ މަސައްކަތް ހަލުއި ކުރުމުގެ ގޮތުން ބަރުހޭންގެ ތަޖުރިބާކާރު ކުންފުންޏަކާއެކު ވަނީ ޕާޓްނާޝިޕެއް ވެސް ހަދާފަ އެވެ. މިގޮތުން މި ރިސޯޓު އަންނަ އަހަރުގެ މެއި މަހު ހުޅުވޭނެ ކަމަށެވެ.

އެމްޓީޑީސީސީއަށް ރިސޯޓު ތަރައްގީ ކުރަން ސަރުކާރުން ނުވަ ރަށެއް ދީފައިވެ އެވެ. މިގޮތުން ދިން ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް ވަނީ މަޝްހޫރު ބްރޭންޑުތަކުން ނަގައި ހިންގަން ފަށާފަ އެވެ.