ނައިޖީރިއާ

އަމީނާއާ ނައިޖީރިޔާގެ ރައީސް ބައްދަލު ކުރައްވައިފި

ބޯކޯ ހަރާމް ޖަމާއަތުން ވަގަށް ނެގި ނައިޖީރިޔާގެ އަންހެން ކުދިންގެ ތެރެއިން ސަލާމަތުން ހުއްޓާ ފެނުނު ފުރަތަމަ ކުއްޖާ ކަމަށްވާ އަމީނާ އަލީ އާ ނައިޖީރިޔާގެ ރައީސް މުހައްމަދު ބުހާރީ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން އޮތީ ރިޔާސީ ގެކޮޅުގަ އެވެ.

މި ބައްދަލުވުމަށްފަހު ރައީސް ބުހާރީ ވިދާޅުވީ، އަމީނާ އެނބުރި އައުމުން ވަރަށް އުފާވާ ކަމަށާއި އަމީނާގެ ކިޔެވުން އަލުން ފެށޭނެތީ އުފާކުރައްވާ ކަމަށެވެ. ނަމަވެސް އެ ގައުމުގެ ޅަ އަންހެން ކުދިންނަށް އެފަދަ އިހާނެތި ގޮތްގޮތް ދިމާވަމުންދާތީ ރައީސް ބުހާރީ ވަނީ ހިތާމަކުރައްވާފަ އެވެ.

"ފާއިތުވެދިޔަ ކަންތައްތަކާ މެދު ސަރުކާރަށް ދެން ކުރެވޭނެ ކަމެއް ނެތް، އެކަން އެވަނީވެފައި އެކަން ރަނގަޅެއް ނުކުރެވޭނެ، އެކަމަކު އަމީނާގެ މުސްތަގުބަލް ރައްކާތެރި ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނަން، އަމީނާއަށް ދޭން ޖެހޭ ހުރިހާ އަޅާލުމެއް ނައިޖީރިޔާގެ ސަރުކާރުން ދޭނެ،" ރައީސް ބުހާރީ ވިދާޅުވި އެވެ.

އަމީނާއަކީ ކާކު؟

އަމީނާއަކީ މީގެ ދެ އަހަރު ކުރިން ގެއްލުނު ނައިޖީރިޔާގެ ފުރާވަރުގެ އަންހެން ކުއްޖެކެވެ. ގެއްލުނު އިރު ސިއްހަތު ރަނގަޅުކޮށް ހުރި އަމީނަ ދެ އަހަރު ފަހުން ކުއްލިއަކަށް މިދިޔަ އަންގާރަ ދުވަހު ފެނުނު އިރު ހުރީ ބަލިކަށިވެ އަނަރޫފަ ވެފައެވެ. ކުއްލިއަކަށް އަމީނާ ފެނުނުއިރު އޭނާއާއެކު އޭނާގެ ފިރިމީހާ މުހައްމަދު ހަޔާތު އަދި އެ ދެމީހުންގެ ހަތަރު މަހުގެ ދަރިފުޅުވެސް ތިއްބެވެ.

އަމީނާ ރަހީނުކޮށް ވަގަށް ނެގިއިރު އޭނައާއެކު 275 ވަރަކަށް ކުދިން ބޯކޯ ހަރާމުން ވަނީ ވަގަށް ނަގާފަ އެވެ. އެތަނުން 57 ކުދިން ވަނީ ފިލައިގެން އެނބުރި އައިސްފަ އެވެ. ބާކީ ތިބި ކުދިން އަދިވެސް ވަނީ ހޯދާ ނުފެނިފަ އެވެ. އެކުދިން ތެރެއިން ފެނުނު ފުރަތަމަ ކުއްޖަކީ އަމީނާ އެވެ.

އަމީނާ ވަގަށް ނެގިއިރު އޭނަ އަކީ 17 ވަރަކަށް އަހަރުގެ ސްކޫލް ދަރިވަރަކެވެ. މީހެއްގެ އަންބެއް ނޫނެވެ. އޭރު އޭނާގެ ދަރިއަކުވެސް ނެތެވެ. އަމީނާގެ ފިރިމީހާ ކަމަށް ބުނާ މުހައްމަދަކީ ވެސް ބޯކޯ ހަރާމުން ރަހީނު ކޮށްގެން ސަމްބިސާ ޖަންގައްޔަށް ގެންގޮސްފައިވާ ޒުވާނެއް ކަމަށްވެ އެވެ. އަދި އެ ދެމީހުން ކައިވެނި ކޮށްފައިވަނީ ވެސް ޖަންގަލީގައި ކަމަށްވެ އެވެ. އެހެން ނަމަވެސް އޭނާ އަކީ ބޯކޯ ހަރާމުގެ ހަނގުރާމަވެރިއެއް ކަމަށް ޝައްކުކޮށް ނައިޖީރިއާ ސިފައިން މިހާރުވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.