ހަބަރު

ސަމާލުވޭ! ބީއެމްއެލްގެ ނަމުގައި ފޭކް އީމެއިލްތަކެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ފްރޯޑް އީ-މެއިލްތަކެއް ދައުރުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ބޭންކުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކްގެ ސެކިއުރިޓީ ނޮޓިފިކޭޝަން ސާވިސް ޑިސޭބަލް ކުރުމަށް އެދި، ލިންކަކާ އެކު ފޮނުވަމުންދާ އީމެއިލްތަކަކީ އެ ބޭންކާ ގުޅުން ހުރި އީމެއިލެއް ނޫނެވެ. އަދި ސެކިއުރިޓީ ނޮޓިފިކޭޝަން ސާވިސް އަކީ ބޭންކުން ފޯރުކޮށްދޭ އިންޓަނެޓް ބޭންކިންގައި ހިމެނޭ ފީޗާއެއް ނޫން ކަމަށް ވެސް ބޭންކުން ބުންޏެވެ. މީގެ އިތުރުން ބޭންކުން ވަނީ އެފަދަ އީމެއިލްތަކުގައި ހުންނަ ލިންކްތަކަށް ފިތައިގެން އެއްވެސް ކަސްޓަމަރަކު ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ އެއްވެސް ސިއްރު މައުލޫމާތެއް ހިއްސާ ނުކުރުމަށް އެދިފަ އެވެ.

"ހުރިހާ ކަސްޓަމަރުންނަށް ވެސް އިލްތިމާސް ކުރަނީ އިންޓަނެޓް ބޭންކިން އަށް ބީއެމްއެލްގެ އޮފިޝަލް ވެބް ސައިޓުން ނޫނީ ބޭންކުން ދީފައިވާ އިންޓަނެޓް ބޭންކިންގެ ޔޫއާރުއެލް ބްރޯޒާގައި ޓައިޕްކޮށްގެން ވަނުމަށެވެ،" ބޭންކްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އިލްތިމާސްކޮށްފައިވެ އެވެ.

ސްޕޭމް އީމެއިލްތައް ފޮނުވައިގެން އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަ އަނެއްކާ ވެސް މިވަނީ އިތުރުވެފަ އެވެ. ދުވަސްދުވަސް ކޮޅުން މި މައްސަލަ ކުރިމަތިވެ އެވެ. މިފަހަކަށް އައިސް ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުންގެ ސޯޝަލްމީޑިއާ އެކައުންޓްތަކެއް ވެސް ބަޔަކު ވަނީ ހެކްކޮށްފަ އެވެ.