އިއްޔެގެ ވަގުތެއްގައި ގެއްލުނު އިޖިޕްޓް އެއާގެ ފްލައިޓްގެ މައިގަނޑު ބަޔަކާއި ބައެއް ޕެސެންޖަރުންގެ ސާމާނުތަކެއް ފެނިފައިވާ ކަމަށް މިސްރުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ވެސް ގްރީސްގެ އައްސޭރި ފަށުން ފްލައިޓްގެ ބައެއް ބައިތައް ފެނުނު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފަހުން ވަނީ އެއީ އެ ފްލައިޓްގެ ބައިތަކެއް ނޫންކަން ކަށަވަރުވެފަ އެވެ. މިފަހަރު މި ބައިތައް ފެނިފައިވަނީ މެޑިޓޭރިއަން ކަނޑުންނެވެ. ސާމާނުތައް ހުރީ އެލެގްޒެންޑްރިޔާއާ 290 ކިލޯމީޓަރު ދުރުގައި ކަމަށް މިސްރުގެ ސިފައިންގެ އިސް އޮފިޝަލަކު ބީބީސީއަށް ވިދާޅުވެފައިވެ އެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުން މިސްރުގެ ވެރިރަށް ގާހިރާއަށް 66 މީހުންނާއެކު ދަތުރު ކުރަމުންދިޔަ މި ފްލައިޓް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ފްލައިޓުން ދަތުރުކުރި އެއްވެސް މީހެއްގެ ނިޝާނެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
މިސުރުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ވަކި ގޮތެއް ޔަގީންވާނީ ބޯޓްގެ ބްލެކް ބޮކްސް ހޯދިގެނެވެ. ގްރީސްގެ ޑިފެންސް މިނިސްޓަރު ވަނީ ފްލައިޓު ވެއްޓުމުގެ ކުރިން ދެފަހަރު އަނބުރާލާފައިވާ ކަމަށް ކުރިން ވިދާޅުވެފަ އެވެ. ޕާނޯސް ކަމެނޯސް ވިދާޅުވީ އެއާބަސް އޭ320 ފުރަތަމަ ފަހަރު ވާތަށް ދެން ދެވަނަ ފަހަރަށް ކަނާއަތަށް އަޅާލިކަމަށާއި އެއަށް ފަހު ވަނީ ރާޑަރުން ގެއްލިފައިވާ ކަމަށެވެ.
މީހުން ހޯދުމަށް ގްރީސް އާއި މިސުރާއި ފްރާންސް އަދި އިނގިރޭސިވިލާތުގެ ނޭވީ އިން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ.