ހއ. ހޯރަފުށި

ހޯރަފުށީގައި ވެސް އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ހއ. ހޯރަފުށީގައި އެއާޕޯޓެއް އަޅަން ނިންމާ، އެކަން އިއުލާންކުރައްވައިފި އެވެ. މިކަން އިއުލާންކުރެއްވީ، ރައީސްގެ ރިޔާސީ ދައުރަށް ދެބައިވުން ފާހަގަކުރުމަށް ބޭއްވި "ފަަހި ނުވައެއް ތޭރަ" ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވަރަށް އިސްކަމެއްދީގެން ހޯރަފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައި މިވަނީ އެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ވަރަށް ބުރަ މަސައްކަތުންނެވެ. އެކަމަށް އެ މެންބަރު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

ހޯރަފުށީގައި އެއާޕޯޓެއް އެޅުމަށް ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވިއިރު އުތުރު ދެ އަތޮޅު ކަމަށްވާ ހދ. އާއި ށ. އަތޮޅުގެ ވެރިކަންކުރާ ދެ ރަށުގައި އެއާޕޯޓް އެޅުމަށް ވެސް މި ސަރުކާރުން ނިންމާފައިވެ އެވެ.

އެގޮތުން ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓް އަޅަން ބިން ހިއްކައިދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ކުޅުދުއްފުށީ އެއާޕޯޓަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ މަޝްރޫއެކެވެ.